ރާއްޖޭގައި މުޅިން އަލަށް ބާއްވާ "ސްޓްރީޓް ހޭންޑްބޯލް" މުބާރާތަކާއެކު ރާއްޖޭގެ ހޭންޑްބޯލް އެސޯސިއޭޝަން، ހޭންޑްބޯލް މޯލްޑިވްސްގެ އަހަރީ ކަލަންޑަރު ފާސްކޮށްފި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ އަހަރީ ކަލަންޑަރު ފާސްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ. އަހަރު ތެރޭ "ސްޓްރީޓް ހޭންޑްބޯލް" މުބާރާތެއް ބާވަން އެ ޖަލްސާގައި ފާސްކޮށްފައި ވަނީ މި އަހަރުގެ ރޯދަ މަހާ ދިމާކޮށެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ހޭންޑްބޯލް މޯލްޑިވްސްއިން ބުނީ އެ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ ތިންވަނަ ދުވަހު ކަމަށެވެ. އަދި އެ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލެވިފައި ވާކަމަށާއި، އެ މުބާރާތް ބޭއްވުމުގެ ކުރިން ބައިވެރިވާން ބޭނުންވާ ޓީމްތަކަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަން ރާވާފައި ވާކަމަށްވެސް ޙޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތު ދިނެވެ.

"ސްޓްރީޓް ހޭންޑްބޯލް މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ކުޅުންތެރިންގެ އަދަދަކަށް އަޅުގަނޑުމެން ކަނޑައަޅާފައި ވަނީ ހަތަރު ކުޅުންތެރިން. އެ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެއް. އަދި އެ މުބާރާތުގެ ކުރިން ބައިވެރިވާ ޓީމްތަކަށް އަޅުގަނޑުމެން ތަމްރީނު ޕްރޮގްރާތަކެއް ހިންގާނަން،" ހޭންޑްބޯލް މޯލްޑިވްސްއިން ބުންޏެވެ.

ސްޓްރީޓް ހޭންޑްބޯލް މުބާރާތުގެ އިތުރުން، މި އަހަރުގެ މާޗް މަހު ކޯޗިންގް ކޯހަކާއި ސެޕްޓެމްބަރުގެ ފަހުކޮޅު ހޭންޑްބޯލް ރެފްރީ ކޯހެއް ހިންގަން ރާވާފައި ވާކަމަށްވެސް ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތު ދިނެވެ. އަދި ނޮވެންބަރު މަހުގެ ތެރޭގައި ހޭންޑްބޯލް މޯލްޑިވްސްގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމާއި ޖޫނިއާ ޑިވަލޮޕްމަންޓް ޕްރޮގްރާމް ހިންގަން ރާވާފައި ވާކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތު ދިނެވެ.

ޑިވަލޮޕްމަންޓް ޕްރޮގްރާމް ތަކުގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސްއިން މިއަހަރުގެ އޭޕްރިލް މަހު މުޅިން އަލަށް ވަނީ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތްވެސް ބާއްވަން ނިންމާފައެވެ. އަދި ރަމަޟާން މަހަށް ފަހު ސްކޫލް ބަންދާ ދިމާކޮށް، އިންޓަ ކޮލެޖް ހޭންޑްބޯލް މުބާރަތްވެސް ބާއްވަން ނިންމާފައި ވާކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން މައުލޫމާތު ދިނެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން ބާއްވާ ގައުމީ ހޭންޑްބޯލް މުބާރާތް މި އަހަރު ބާއްވަން ނިންމާފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދި ހޭންޑްބޯލް މޯލްޑިވްސްގެ އެސޯސިއޭޝަން ކަޕް ބާއްވަން ތާވަލްކޮށްފައި ވަނީ ގައުމީ މުބާރާތަށް ފަހު ނޮވެމްބަރު މަހު ފަހު ކޮޅުގަ އެވެ.