16 Feb 2015, 16:32
މަގުބޫލު އުޒުރެއް ނެތި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލި މީހަކު ދެ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ނ. މަނަދޫ ނަރުގިސްވިލާ އަބްދުލް ހާދީ އަބްދުލް ކަރީމް ދެ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 1434 ވަނަ އަހަރުގެ ރަމަޟާން މަހުގެ 12 ވަނަ ދުވަހު ޝަރުއީ މަގުބޫލު އުޒުރެއް ނެތި ރޯދަދޫކޮށްލާފައިވާތީ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ އަބްދުލް ހާދީގެ މައްޗަށް ދައުވާ ސާބިތުވެފައި ވަނީ އޭނާގެ އަމިއްލަ އިއުތިރާފުން ކަމަށެވެ.
"... ޝަރުއީގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމުގެ ކުށުން އަބްދުލްހާދީ އަބްދުލް ކަރީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ މަސް ދުވަހުގެ މުއްދަތަށް އަބްދުލް ހާދީ އަބްދުލް ކަރީމް ޖަލަށްލުމަށް ހުކުމްކޮށް މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.