ގާހިރާ (ފެބްރުއަރީ 16): އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ބައެއް ޖަމާއަތްތަކުގެ ނުރައްކާ އާދަޔާ ޚިލާފަށް ބޮޑުވަމުންދާތީ އެ ޖަމާއަތްތަކާ ހަނގުރާމަ ކުރުމަށްޓަކައި އަރަބި ގައުމުތަކަށް ކުއްލިގޮތަކަށް ވަދެގަންނަންޖެހޭ ޙާލަތްތަކުގައި އަސްކަރީގޮތުން ވަދެގަތުމަށް ގުޅިފައިވާ ލަޝްކަރެއް އެކުލަވާލުމަށް މިސްރުން ގޮވާލައިފި އެވެ.

މިސްރުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ސާމިޙް ޝުކުރީ ވިދާޅުވީ، އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ހަނގުރާމަ ކުރެވޭފަދަ ބާރުގަދަ ކޮމާންޑޯސް ލަޝްކަރެއް މިސްރާއި އުރުދުން އާއި ގަލްފުގެ އަރަބި ގައުމުތައް ގުޅިގެން އުފައްދަންޖެހޭ ހިސާބަށް ކަންތައް ހިނގައްޖެ ކަމަށާއި މިސްރުގެ އިތުރުން އަރަބި އެހެންގައުމުތަކުންވެސް އެކަން އިޙްސާސް ކުރަމުންގެންދާ ކަމުގައެވެ.

ޝުކުރީ ވިދާޅުވީ، ހަނގުރާމަ ކުރުމަށްޓަކައި އަރަބި ގައުމުތަކަށް ކުއްލިގޮތަކަށް ވަދެގަންނަންޖެހޭ ޙާލަތްތަކުގައި އަސްކަރީގޮތުން ވަދެގަތުމަށްޓަކައި ގުޅިފައިވާ ލަޝްކަރެއް އުފެއްދުމާބެހޭގޮތުން އެގައުމުތަކާއެކު މިސްރުން މަޝްވަރާތަކެއް ކުރަމުން ގެންދާކަމުގައެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

މިސްރުގެ މީޑިޔާ ބުނާގޮތުން މި ލަޝްކަރު އެކުލަވާލުމުގެ މައްސަލަ އަންނަ މާޗްމަހު ގާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓަށް ހުށަހަޅައި އެސަމިޓުން މިކަން ފާސްކުރުމަށް ޓަކައި މިސްރުން މިހާރުވަނީ އަރަބި ގައުމުތަކުގެ އަސްކަރީ ދާއިރާތަކާ މަޝްވަރާ ކުރަންފަށައިފައެވެ.

އަރަބި ގައުމުތަކަށް އާންމު ނުރައްކަލަކަށް ވެފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި އައިއެސް ޖަމާއަތާއި އަލްގާއިދާ ޖަމާއަތުގެ އިތުރުން ޖަބްހަތުއްނުސްރާ ޖަމާއަތާއި އަދި މިސްރުގެ ސީނާގައި ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕެއް ކަމަށްވާ "ވިލާޔަތު ސީނާ" ޖަމާއަތް ހިމެނެއެވެ. މީގެތެރެއިން މިސްރާއި އުރުދުންވަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައެވެ. އަދި "ވިލާޔަތު ސީނާ" ޖަމާއަތާ ދެކޮޅަށް މިސްރުގެސިފައިން ގެންދަނީ ސީނާ ސަރަހައްދުގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. (އަލްޖަޒީރާ)