މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 10 ޖަމާއަތެއް ކޮލިފައިކޮށް، ގެރެންޓީއަށް ދައްކަންޖެހޭ ފައިސާ ސަރުކާރަށް ދެއްކުމަށް 14 ދުވަހުގެ މުއްދަތެއް ދީފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހައްޖަށް މީހުން ގެންދިއުމަށް ހުޅުވާލުމުން ކުރިމަތިލި 13 ފަރާތުގެ ތެރެއިން ކޮލިފައިކޮށްފައި ވަނީ 10 ޖަމާއަތް ކަމަށާއި އަނެއް ތިން ޖަމާއަތް ކޮލިފައިކޮށްފައިނުވާ ކަމަށެވެ. އެކަމަކު ގެރެންޓީއެއްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ 14 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ކޮލިފައިކޮށްފައިވާ ޖަމާއަތެއް ނަމަވެސް ޑިސްކޮލިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޭންކް ގެރެންޓީއެއްގެ ގޮތުގައި ދައްކަންޖެހޭނީ ހައްޖަށް ދާ މީހުން އަތުން އެ ޖަމާއަތަކުން ނަގާނެ ޖުމްލަ ފައިސާގެ 12 ޕަސެންޓު ކަމަށެވެ.
ކޮލިފައިކޮށްފައިވާ ޖަމާއަތްތަކުން މިއަހަރު މީހުން ހައްޖަށް ގެންގޮސްދޭން ހުށަހަޅާފައި ވަނީ މީހަކަށް 65000ރ. އެވެ.

ހައްޖަށް މީހުން ގެންދިއުމަށް 10 ޖަމާއަތެއް ކޮލިފައިކޮށްފައިވާއިރު އެ ޖަމާއަތްތަކަށް ގެންދެވޭނީ ކިތައް މީހުން ކަމެއް އިސްލާމިކް މިނިސްޓްރީން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެ މިނިސްޓްރީން ބުނީ ވަކިވަކި ޖަމާއަތްތަކަށް ދޭ ކޯޓާގެ އަދަދު ހާމަ ނުކުރަނީ އެ އަދަދަށް ފަހުން ބަދަލު އަތުވެދާނެތީ ކަމަށެވެ.
މިފަހަރު ހުއްދަ އެދުނު ގްރޫޕްތަކުގެ ތެރެއިން ޑިސްކޮލިފައި ކޮށްފައި ވަނީ އެސްބީޓީ ހައްޖު އުމްރާ ގްރޫޕާއި މީގާތު ހައްޖު އުމްރާ ގްރޫޕާއި އަލް ފަތުހު ހައްޖު އުމްރާ ގްރޫޕެވެ.