މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ ލެބް ޓެކްނީޝަންގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އަނބުރާ ފޮނުވާލާފައި ވަނީ ތަހުގީގު ފުރިހަމަނުވާތީ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ކުރުމުން އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅުން އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ހިނގި އެ ހާދިސާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ލެބް ޓެކްނީޝަނެއްގެ ވަޒީފާ އަދާ ކުރަމުންދާ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރާޖޭޝް ކަކަންތު ބަސްކަރަން، މައްޗަށެވެ.

ރާޖޭޝްގެ މައްޗަށް ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ނ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

އައިޖީއެމްއެޗުގެ ކުރީގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު މީގެކުރިން ވިދާޅުވި ގޮތުގައި ރާޖޭޝް އިހްމާލުވެފައި ވަނީ ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީ އަށް ޕޮޒިޓިވް ލެއެއް ކަމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭ ޓެސްޓު ކުރާ މެޝިނުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ރިޕޯޓުގައި ލިޔެފައިވުމުންނެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން ހަބީބު ވިދާޅުވީ މާބަނޑު އަންހެން މީހާގެ ގަޔަށް އެޗްއައިވީ ލޭ އެޅި ދުވަހު ލެބް ޓެކްނީޝަން ކުއްލި ގޮތަކަށް އިންޑީއާ އަށް ފުރައިގެން ދިޔަ ކަމަށާއި އެނބުރި ރާއްޖެ އައީ ދެ ދުވަސް ފަހުން ކަމަށެވެ. އަދި އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔައީ އަމިއްލަ ބޭނުމެއްގައި ކަމަށް ހަބީބު ވިދާޅުވި އެވެ.

އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅުނީ އަމިއްލަ އިހުމާލުން ކަމަށް ރަޖޭޝް އެއްބަސްވެފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. ނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް އޭނާ އެއްބަސްވެފައި ނުވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.