އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި މާދަމާ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނިކުންނައިރު، އެ މެޗުގައި ސެރެސް އެފްސީ ކުޅޭނީ މާޒިޔާއަށް ދޭން ޖެހޭ 'ރެސްޕެކްޓް' ދީގެން ކަމަށް ސެރެސްގެ ކޯޗް ޗާ ސޮންޔޯންގް ބުނެފިއެވެ.

މާދަމާ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޗާ ބުނީ މާޒިޔާއާ ބެހޭ މާ ގިނަ މައުލޫމާތެއް އެ ޓީމަށް ލިބިފައި ނުވާކަމަށެވެ. ނަމަވެސް އެ ޓީމުގައި ރާއްޖޭގެ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ތިބި ކަން ފާހަގަކޮށް، ޗާ ވަނީ މާޒިޔާއާ ދެކޮޅަށް ކުޅޭނީ ވިސްނައިގެން ކަމަށް ބުނެފައެވެ.

"މާޒިޔާއާ ބެހޭ މާ ގިނަ މައުލޫމާތެއް ލިބިފައެއް ނެތް. ނަމަވެސް އެ ޓީމުގައި ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިން ތިބިކަން އިނގޭ. އަދި އޭގެ އިތުރުންވެސް މާޒިޔާއަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއްކަން އިނގޭ. އަހަރުމެން ކުޅޭނީ މާޒިޔާއަށް ދޭންޖެހޭ ރެސްޕެކްޓް ދީގެން. ސެރެސްގެ ކުޅުންތެރިންނަށް އަހަރުމެނަށް ވަރަށް އިތުބާރު އެބޮތް،" ޗާ ބުންޏެވެ.

ސެރެސް އެފްސީ އަކީ މިދިޔަ އަހަރު ފިލިޕީންސް ޔުނައިޓެޑް ފުޓްބޯލް ލީގް (ޔޫއެފްއެލް)ގެ ދެވަނަ ޑިވިޝަން ކާމިޔާބު ކުރި ޓީމެވެ. އޭގެ އިތުރުން ސެރެސް ވަނީ މިދިޔަ އަހަރު ފިލިޕީންސްގެ އެސޯސިއޭޝަން ކަޕް ކަމަށްވާ ޔޫއެފްއެލް އެފްއޭ ލީގް ކަޕާއި، ފިލިޕީންސް އެފްއޭއިން އިންތިޒާމް ކޮށްގެން ބާއްވާ ޕީއެފްއެފް ނެޝަނަލް މެންސް ކްލަބް ޗެންޕިއަންޝިޕްވެސް ކާމިޔާބު ކޮށްފައެވެ.

ޗާ ބުނީ ސެރެސް އަކީ ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ ތަޖުރިބާތަކެއް ހާސިލް ކޮށްފައިވާ ޓީމެއް ކަމަށެވެ. އަދި މާދަމާގެ މެޗަށް ޓީމްގެ ކުޅުންތެރިން ތިބީ ތައްޔާރު ވެގެން ކަމަށާއި، ޓީމްގައި އިންޖަރީގެ މައްސަލައެއް ނޫޅޭ ކަމަށްވެސް ޗާ ބުންޏެވެ.

"ސެރެސް އަކީ ވަރަށް ކުޑަ މުއްދަތެއްގެ ތެރޭ ގިނަ ތަޖުރިބާތަކެއް ލިބި، ރަނގަޅު ކުރިއެރުމެއް ހޮދާފައިވާ ޓީމެއް. މިއީ އަހަރުމެން އޭފްސީ ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު. އެހެން ކަމުން މި މެޗު ކާމިޔާބު ކުރުމަކީ އަހަރުމެނަށް ވަރަށް މުހިންމު ކަމެއް. ޓީމްގައި އިންޖަރީގެ މައްސަލައެއް ނޫޅޭ. މި މެޗަށް އަހަރުމެންގެ 19 ކުޅުންތެރިއަކު ތިބީ 100 ޕަސެންޓުގަ،" ޗާ ބުންޏެވެ.

ސެރެސްގެ ސްކޮޑުގައި ބިދޭސީ ހަތް ކުޅުންތެރިން ހިމެނޭއިރު، އޭގެ ތެރޭގައި އައިވަރީ ކޯސްޓުގެ ދެ ޑިފެންޑަރަކާއި މިޑްފީލްޑަރެއްގެ އިތުރުން ސްޕެއިންގެ ފޯވާޑެއްވެސް ހިމެނެއެވެ.

އޭއެފްސީ ކްޕަގެ ޕްލޭއޮފްގައި ފުރަތަމަ މެޗު އަވޭގައި ކުޅެން ޖެހުމުން އެ ޓީމްގެ ކެޕްޓަން ހުއާން ލުއިސް ބުނީ އެކަމުން މާ ބޮޑު އަސަރެއް ޓީމުގެ ކުޅުމަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

"މާޒިޔާ އަކީ ސަޕޯޓަރުން ގިނަ ޓީމެއް. އަހަރުމެން ތަންކޮޅެއް ކުރިން މާލެ އައި ސަބަބަކީ އެކަހަލަ ކަންކަން ދެނެގަނެ، މި މެޗަށް ބޮޑަށް ތައްޔަރުވާން. އަހަރުމެން އެ ޓީމާ ދެކޮޅަށް ކުޅޭނީ ވަރަށް ވިސްނައިން،" ހުއާން ބުންޏެވެ. "ސެރެސްގެ ކުޅުންތެރިންނަށް ވަރަށް އިތުބާރު އެބޮތް. މާދަމާ ކުޅޭނީ މޮޅުވާން."