ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސްފިި އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކޮށްފައިވާ ދައުވާތަށް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައި ވަނީ އެމައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކަމަށް ބުނެ އެެވެ.

އެނގިފައިވާ ގޮތުގައި، ދައުލަތުން ދައުވާ އުފުލާފައިވާ އެންމެންގެ ދައުވާތައްވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ. އެގޮތުން ނަޝީދުގެ އިތުރުން، އެ މައްސަލައިގައި ދައުވާ ލިބޭ މިހާރުގެ ޑިފެންސް މިނިސްޓަރު، އޭރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލާއި އޭރު އެމްއެންްޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އަދި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްސަލަ ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި މީގެ އިތުރުން އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ކޮށްފައިވާ ދައުވާވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމާ ގުޅިގެން ހައިކޯޓު ސަރަހައްދުގައި ހުންނަވައި މީޑިއާއަށް މައުލޫމާތުދެއްވަމުން ނަޝީދު ވިދާޅުވީ "އެ މައްސަލަ މިހާގިނަ ދުވަސްވަންދެން ދެމިގެން ދިއުމަކީ ވަރަށް ބޮޑު ދެރައެއް" ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެއްވެސް ބޭފުޅަކަށް އިންސާފާ ހިލާފަށް އެއްވެސް އަދަބެއް ލިބިގެން ނުވާނެ ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރަމުން ދަނީ ދެފުށްފެންނަ ހާމަކަން ބޮޑު އިންސާފުވެރި ނިޒާމެއް މިގައުމުގައި ގާއިމް ކުރުމަށް ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދޫކޮށްލުމަށް ގޮވާލައި ހައިކޯޓު ސަރަހައްދުގައި މިހާރު ކުރިއަށްދާ އިހުތިޖާޖުގައި ހުންނަވައި، ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމާ ގުޅޭގޮތުން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ "ޝަރީއަތް ހިންގަނީ މީހަކު ކަންކަމުން ބަރީއަ ކުރުމައްޓަކައި،" ކަމަށެވެ. އަދި އަބްދުﷲ ގާޒީގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނަޝީދު ހޯދެއްވީ ވަރަށް ފުރިހަމަ އަގުލަބިއްޔަތެއް ކަމަށް ގާސިމް މިއަދު ވިދާޅުވި އެވެ.

"މިއީ އަންތަރީސް ވާ ވަރުގެ ބޮޑު އަގުލަބިއްޔަތެއް، އަދި އެމައްސަލަ ކުރިއަށް ގެންދާތީ ބޭރުގެ ގިނަ ގައުމު ތަކުން ކަންބޮޑުވުން ފާޅުކޮށް އެއީ ރަގަޅު ނިޔާއެއް ނޫންކަމަށް ބުނަމުން ދިޔައީ" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުން ދޫކޮށް ނުލާނަމަ އިސްތިއުފާ ދެއްވުމަށް އެދުވަހު ގޮވާލުމުން "އެމަނިކުފާނު އިސްތިއުފާ ދެއްވި" ކަމަށެވެ. އެހެންކަމުން މިހާރު އެމައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތްކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

"ރެލެވެންޓެއް ނޫނޭ އެ ދައުވާ ނަޝީދުގެ މައްޗަށް ކުރައްވާކަށް" ގާސިމް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ޕީޖީ އޮފީހުން ދޫކޮށްލުމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.