16 Feb 2015, 14:32
މާދަމާ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ފިލިޕީންސްގެ ސެރެސް އެފްސީއާ ދެކޮޅަށް ނިކުންނައި ރު، މާޒިޔާއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ "ހޯމް އެޑްވާންޓޭޖް" ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.
ސުޒޭން ބުނީ ސެރެސް އަކީ މާޒިޔާ އަދި ޕީޑީއާރްއެމްއަށް ވުރެވެސް ތަންކޮޅެއް ފެންވަރު ރަނގަޅު ޓީމެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅޭއިރު، ކުޅުންތެރިންގެ ޕާފޯމެންސާއި ސަޕޯޓަރުންފެ ސަޕޯޓާ އެކު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ސުޒޭން ބުންޏެވެ.
"މިފަދަ މެޗެއްގައި ހޯމް އެޑްވާންޓޭޖަށް ވުރެ ބޮޑު އެޑްވާންޓޭޖެއް އޮތް ހެނެއް ހިއެއް ނުވޭ. ސެރެސް އަކީ މާޒިޔާ އަދި ޕީޑީއާރްއެމް އަށްވުރެވެސް ތަންކޮޅެއް ފެންވަރު ރަނގަޅު ޓީމެއް. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅޭއިރު ޓީމްގެ ސީނިއާ ކުޅުންތެރިންގެ ރަނގަޅު ޕާފޯމެންސެއް ފެނިއްޖެއްޔާ ސަޕޯޓަރުންގެ އެހީއާއެކު ހަމަ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މާދަމާގެ މެޗަށް ޓީމް އޮތީ ވަރަށް ފިޓުކޮށް ކަމަށެވެ. އަދި ޓީމްގެ ހުރިހާ ބިދޭސީ ކުޅުންތެރިންވެސް މެޗުން ފެންނާނެ ކަމަށާއި، މިމަހުގެ ކުރީކޮޅު ނިއުރޭޑިއެންޓުން މާޒިޔާއަށް ބަދަލުވި މުހައްމަދު އުމޭރު ވެސް މެޗުގެ ފުރަތަމަ އެގާރައިން ފެންނާނެ ކަމަށް ސުޒޭން ބުންޏެވެ.
"ޓީމްގައި އެވެސް އިންޖަރީގެ މައްސަލައެއް ނުޅޭ. ހުރިހާ ކުޅުންތެރިންވެސް ތިބީ ހަމަ ވަރަށް ތައްޔާރަށް. ޒިވްކޯގެ އިންޖަރީވެސް މިހާރު ރަނގަޅު. މާދަމާގެ މެޗުން މާޒިޔާގެ ހުރިހާ ބިދޭސީ ކުޅުންތެރިންވެސް ފެންނާނެ. އަދި އުމޭރުވެސް ފުރަތަމަ 11 އިން ފެންނާނެ،" ސުޒޭން ބުންޏެވެ.
"ހަގީގަތުގައި މި މެޗާ އެހާ ކައިރިކޮށް އުމޭރު ފަދަ ކުޅުންތެރިއަކު ޓީމަށް ލިބުމަކީ އިދިކޮޅު ޓީމަށް ވަރަށް ބޮޑު ޑިސްއެޑްވާންޓޭޖެއް. އެއީ އުމޭރު އަކީ މެޗުގެ ކޮންމެ ވަގުތެއްގައިވެސް ދަނޑުގެ ކޮންމެ ހިސާބަކުންވެސް ލަނޑެއް ކާމިޔާބު ކުރެވޭނެ ފެންވަރުގެ ކުޅުންތެރިއެއް،" ސޫޒޭން އިތުރަށް ބުންޏެވެ.
މާޒިޔާ ވަނީ މިދިޔަ މަހު ބޭއްވި ޕީޕަލްސް ކަޕްގެ ރަނަރަޕްކަން ހޯދާފައެވެ. އަދި އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުކުމުގެ ގޮތުން މިފަހަރު އެ ޓީމަށް ބިދޭސީ ތިން ކުޅުންތެރިން ގެނެސްފައި ވާއިރު، އެ ޓީމްގެ ގޯލްވެސް މި ސީޒަންގައި ބަލަހައްޓާނީ ރާއްޖޭގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު އެވެ.
މާދަމާގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވެސް ވަނީ އެ މެޗުގައި މާޒިޔާގެ ހޯމް އެޑްވާންޓޭޖުގެ މުހިންމުކަން ފާހަގަކޮށް، ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ސަޕޯޓު ކޮށްދިނުމަށް އެދިފައެވެ.