16 Feb 2015, 14:11
ރ. ރަސްމާދޫގައި ފުރަތަމަ ފަހަރަށް ޕްރީސްކޫލެއް ހުޅުވައިފި އެވެ.
މިއަދު ހެނދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރީސްކޫލް ހުޅުއްވައިދެއްވީ ލަނޑާގިރާވަރު ފޯ ސީޒަން ރިސޯޓުގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖާ މރ. އަރުމާންޑޯ ކްރައިންޒުލިން އެވެ.
އެ ރަސްމިއްޔާތުގައި ރަސްމާދޫ ކައުންސިލަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ރަސްމާދޫ ކައުންސިލްގެ ރައީސް އަހްމަދު މާހިރު ވިދާޅުވީ، ޕްރީ ސްކޫލް އިމާރާތްކުރަން ފެށިފައި ވަނީ ލަނޑާގިރާވަރު ރިސޯޓުގެ ފަރާތުން 2012 ވަނަ އަހަރު ބޭއްވި "ފޯ ސީޒަން ވަރުތަ ސަގާފީ ވާދައިގެ" ޗެމްޕިއަންކަން ރަސްމާދޫ ބޮޑުބެރު ގްރޫޕަށް ލިބުމާ ގުޅިގެން ކޮމިއުނިޓީ ޕްރޮޖެކްޓެއް ހިންގަން އެ ރިސޯޓުން ދިން އެހީތެރިކަމުގެ ސަބަބުން ކަމަށެވެ.

އެ ރިސޯޓުން ދިން ތަކެއްޗާއެކު މިދިޔަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނިކޮށް އިތުރަށް ބޭނުންވާ ސާމާނު އިތުރު ފަރާތްތަކުން ފޯރުކޮށްދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހަމްދޫން އަބްދުﷲ ހަމީދާއި އެ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހީމް ފަލާހުގެ އިތުރުން ރަސްމާދޫ ބޮޑުބެރު ގްރޫޕާއި ރަސްމާދޫ އައިވީ އަބްދުލް ހަންނާނު އަދި ރަސްމާދޫ ނޫރަލީގޭ އިލްޔާސް އިބްރާހީމް އެތީތެރިކަން ފޯރުކޮށްދެއްވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިއަދު ހުޅުވި އެ ޕްރީސްކޫލްގައި ހުންނަނީ ތިން ކްލާސްރޫމާއި އޮފީސް ބަޔަކާ ދެ ފާޚާނާ އެކެވެ. އެރަށު ކައުންސިލުން ހިންގާ އެ ޕްރީސްކޫލްގައި ތިބެނީ ޓްރެއިންޑް ޓީޗަރަކާއި ރިސޯސް ޓީޗަރެކެވެ.
ރަސްމާދޫގައި 2004 ވަނަ އަހަރު ޕްރީސްކޫލް ތައުލީމްދޭން ފެށިއިރު އޭރު ކިޔަވައިދެމުން ދިޔައީ ރަސްމާދޫ ސްކޫލްގެ ކްލާސްރޫމެއްގައެވެ. އޭގެ އަހަރުތަކެއްފަހުން މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައި ދެމުން ދިޔައީ ރަސްމާދޫ ޒުވާނުންގެ ގުޅުމުގެ ކޭބަލްޓީވީ ހިންގަމުން ގެންދިޔަ އިމާރާތެއްގައެވެ.