ބިދޭސީން ރާއްޖެ ގެނެސް އެފަރާތްތައް ރެކްރޫޓު ކުރުމުގައި ސަމާލުވުމަށް ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އިލްތިމާސްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވަޒީފާދޭ ފަރާތުން އެފަރާތްތަކުގެ ވަޒީފާއަށް ބިދޭސީން ގެނައުމަށް އެކި ފަރާތްތައް މެދުވެރިކޮށް އޮންލައިން ސިސްޓަމުން ރިލޭޝަންޝިޕް ހަދަމުންދާ ކަމަށެވެ. އަދި އެރިލޭޝަން ޝިޕް ހައްދާ ދެވެނީ ވަޒީފާދޭ ފަރާތުގެ އެދުމުގެ މަތީން އެފަރާތުގެ ވަޒީފާއަށް ބިދޭސީން ގެނައުމަށް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ މުއާމަލާތް ކުރުމުގެ ފުރިހަމަ އިޚްތިޔަރާއި ބާރު ބިދޭސީން ވަޒީފާއަށް ގެނައުމުގައި މެދުވެރިކުރާ ފަރާތްތަކަށް ދިނުމަށްފަހުގައި ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުން ބުނީ، ބިދޭސީންގެ މައްސަލަތަކާއި ގުޅިގެން ވަޒީފާދޭ ފަރާތާއި ސުވާލުކުރުމުން، ބިދޭސީމީހާ ގެނެވިފައިވަނީ އެފަރާތުގެ އެގުމާނުލައިކަން ބުނަމުންދާކަން އެޑިޕާޓުމަންޓަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން މިފަދަ މައްސަލަތަކާއި ގުޅިގެން، ބިދޭސީމީހާ ވަޒީފާއަށް ގެނައިކަމަށް އިމިގްރޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުން އެފަރާތްތަކުން ޝަކުވާ ހުށަހަޅަމުން ދެއެވެ. މީގެ އިތުރުން ބިދޭސީން ގެނައުމަށް ޖާމިނުކުރުވާފައިވާ ފަރާތްތަކުން ވަޒީފާދޭ ފަރާތަށް އެގުމާއި ނުލައި ބިދޭސީން ގެނެސް އެމީސްމީހުން މަގުމައްޗަށް ދޫކޮށްލަމުންދާކަމުގެ ޝަކުވާ ހުށަހަޅާ މިންވަރުވެސް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ." އިމިގްރޭޝަންގެ ބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުން ބުނީ، އެފަދަ ކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންތައްތައް ހުއްޓުވުމަށް، އިމިގްރޭޝަނުން އޮންލައިން އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކުން ބިދޭސީން ގެނައުމާއި ޖާމިނުކުރާ ފަރާތްތަކަކީ އިތުބާރު ކުރެވޭ ފަރާތްތަކެއްކަން ޔަޤީންކުރުމަށާއި ވަޒީފާއަށް ގެނައުމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުން ބިދޭސީން ގެނައުމަށް މެދުވެރިކުރާ ފަރާތާއި ރިލޭޝަންޝިޕް ހެދުމަށްފަހު ގަވައިދުން ސިސްޓަމަށް ލޮގިންވެ ބެލުމަށް އިމިގްރޭޝަނުން ވަނީ އެފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.