ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އަކީ މިލިޓަރީ ތަޖުރިބާގެ ސިޔާސީ ބޭފުޅެއް ކަމަށާއި، އެފަދަ ބޭފުޅުން ހައްޔަރު ކުރާނަމަ ގައުމުގެ އެއްވެސް ބޭފުޅަކަށް ސަލާމަތެއް ނެތް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނާޒިމް ފަދަ މިލިޓަރީ ސިޔާސީ ބޭފުޅެއް އެގޮތަށް ހައްޔަރުކުރުމަކީ، ސިޔާސީ ޕާޓީތަކުގެ އިތުރުން އެއްވެސް ރައްޔިތަކަށްވެސް ސަލާމަތްތެރިކަން ނެތްކަމުގެ ހެއްކެއް ކަމަށެވެ.



ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުކުރުމާ ދެކޮޅަށް އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީންވެސް ދަނީ އަޑު އުފުލަމުންނެވެ. ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ ޖޭޕީ އަދި އެމްޑީޕީން ބާއްވާމުންދާ ސިލްސިލާ އެއްވުންތަކުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ނާޒިމަށް ތައުރީފުވެސް ކުރައްވާފަ އެވެ. އަދި ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީ "އެބޭފުޅާ ގެންގުޅުނު ހަތިޔާރެއް" ކަމަށް ގަބޫލުފުޅު ނުކުރެވޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނާޒިމްގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ބަންދު ކުރެއްވުމަކީ ރައީސް ޔާމީންއާ ވާދަކުރައްވާ ބޭފުޅުން ސިޔާސީ މަޝްރަހުން ގެއްލުވާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ކަމެއް ކަމަށް ވިދާޅުވެ ނަޝީދު ދަނީ ރައީސް ޔާމީން އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު ބަދަލުވެގެން ދިޔަ އިރު، އޭރު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ބޭފުޅަކީ ނާޒިމެވެ.

ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ނާޒިމު ދޫކޮށްލެއްވުމަށް ސަރުކާރާއި ފުލުހުންނަށް ގޮވާލާފަ އެވެ.