ގިލި ލަންކަންފުށީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް 50 ބައިސްކަލް ހަދިޔާކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރި އެ ބައިސްކަލްތައް ދިނުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ ބައެއް ސްކޫލްތަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގިލި ލަންކަންފުށީގެ ފަރާތުން އެ ބައިސްކަލްތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ގިލި ލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ސްޓީވަން ފިލިޕްސް އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ބައިސްކަލްތަކާ ހަވާލުވެއްލެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކުރި ބައިސްކަލްތައް ބަހަން ނިންމާފައިވަނީ އަތޮޅުތެރޭގެ ފަސް ސްކޫލަކަށެވެ. އެއީ ހދ. ހަނިމާދޫ ސްކޫލާއި ކުޅުދުއްފުށީ އަފީފުއްދީން ސުކޫލާއި ނ. ކެނދިކުޅުދޫ ސުކޫލާއި ޏ. ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އައްޑޫ ސިޓީގެ ޝަރަފުއްދީން ސުކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ބައިސްކަލްތައް ބެހުމުގައި ސްކޫލުގެ އާބާދީ އަށާއި ރަށުގެ ބޮޑު މިނުގެ އިތުރުން ދަތުރުފަތުރު ކުރެވޭނެ ނިޒާމްތައް ހުރިގޮތް ބަލާފައިވާނެ ކަމަށެވެ. އަދި ބައިސްކަލްތައް ހަދިޔާކުރަން ނިންމާފައިވަނީ، އަތޮޅުތެރޭގެ ސްކޫލުތަކުގެ މުވައްޒަފުންނާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުން ބޭނުންކުރުމަށްކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގިލި ލަންކަންފުށީގެ ޖެނެރަލް މެނޭޖަރު ފިލިޕްސް ވިދާޅުވީ، މިދިޔަ އަހަރުގެ އެ ރިސޯޓުގައި ގެސްޓުން ބޭނުންކުރާ ބައިސްކަލުތައް އޮނުން ހަދާފައި ހުންނަ ބައިސްކަލްތަކަކަށް ބަދަލުކުރަން ނިންމި ކަމަށެވެ.

އެގޮތުގެ މަތިން، އެތަނުގައި ބޭނުންކުރާ 150 ބައިސްކަލް އުކާލުމުގެ ބަދަލުގައި ބައެއް ބައިސްކަލުތައް ރިސޯޓުގެ ބައެއް މުވައްޒަފުންނަށާއި ހިންމަފުއްޓަށް ވެސް ހަދިޔާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓާތަކުގެ ލިސްޓުގެ އެއް ވަނަ މަގާމު ހޯދާފައިވާ ގިލި ލަންކަންފުއްޓަކީ ތިމާވެށީގެ ތަރައްގީއަށް މަސައްކަތްކުރަމުން އަންނަ، ފާހަގަކޮށްލެވޭ ރިސޯޓެކެވެ. އެގޮތުން، އެ ރިސޯޓުން ވަނީ އެ ރިސޯޓް ކައިރީގައި އޮންނަ ހިއްމަފުށީގެ ތަރައްގީއަށް ގިނަ ހިދުމަތްތަކެއް ވެސް ކޮށްދީފަ އެވެ.