16 Feb 2015, 11:24
އިނގިރޭސި އެފްއޭ ކަޕްގައި ރޭ މިޑްލްސްބަރާއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ އޮލިވިއާ ޖިރޫ ކާމިޔާބު ކުރި ދެ ލަނޑާއެކު 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، އާސެނަލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރޭގެ މެޗު ރަނގަޅު ފޯމެއްގައި ފެށީ އާސެނަލް އެވެ. އަދި ފުރަތަމަ ވަގުތު ކޮޅު އެ ޓީމް މިޑްލްސްބަރާގެ ގޯލަށް ރަނގަޅު ހަމަލާތަކެއް އުފެއްދިތަން ފެނިގެން ދިޔައިރު، މިޑްލްސްބަރާގެ ކީޕަރު ތޯމަސްގެ ފަރާތުން ވަނީ ރަނގަޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ވަގުތުކޮޅު އާސެނަލްގެ ފޯވާޑް ލައިނުން ކަޒޯލާ އާއި ގިބްސް ވަނީ މިޑްލްސްބަރާގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ.
މެޗުގެ ފުރަތަމަ ވަގުތުކޮޅު އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނު އޮލިވިއާ ޖިރޫ އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 27 ވަނަ މިނެޓުގައި ގިބްސް ދިން ފަސޭހަ ޕާހަކުންނެވެ. އަދި އޭނާގެ ދެވަނަ ލަނޑު އޭގެ ދެ މިނެޓު ފަހުން ޖިރޫ ކާމިޔާބުކުރީ ސަންޗޭޒް ނަގައިދިން ކޯނަރަކުން ނެވެ.
ދެ ލަނޑުގެ ލީޑެއް ނެގުމަށްފަހު މެޗުގައި އާސެނަލް ހަމަޖެހިލިއިރު، މިޑްލްސްބަރާ ވަނީ އެ ވަގުތުކޮޅު އާސެނަލްގެ ޑިފެންސަށް ޕްރެޝާ ކޮށްފައެވެ. އެ ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ މިޑްލްސްބަރާ އެވެ.
ދެވަނަ ހާފް މިޑްލްސްބަރާ ފެށި ރަނގަޅު ހަމަލާއަކާއެކު އެވެ. ނަމަވެސް މާ ގިނަ ވަގުތު ނުވަނީސް އަސެނަލް ވަނީ މެޗު އެ ޓީމްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، އަނެއްކާވެސް މިޑްލްސްބަރާގެ ގޯލަށް ނުރައްކާ ކުރާން ފެށިއެވެ. އަދި ދެވަނަ ހާފްގެ ބޮޑު ބައި ޑޮމިނޭޓްކުރި އާސެނަލްގެ ކަޒޯލާ އާއި ވޮލްކޮޓް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދިނަމަވެސް އެ ޓީމަށް ވަނީ އިތުރަށް ލީޑު ފުޅާ ކޮށްލެވޭ ގޮތް ނުވެފައެވެ.
އެންމެ ފަހުވަގުތާ ޖެހެންދެންވެސް ރަނގަޅު ފައިޓެއް ދެމުން ދިޔަ މިޑްލްސްބަރާގެ އަޑޯމާ ވަނީ މެޗުގެ އެންމެ ފަހު މިނެޓުގައި ރަނގަޅު ޝޮޓެއް އާސެނަލްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާ ގޯލަށް އަމާޒުވެފައި ނުވާއިރު، މެޗުގެ އިތުރު ވަގުތު މިޑްލްސްބަރާގެ ކައިކް ބޮލުން ފޮނުވާލި ހަމަލާވެސް އަމާޒުވީ އާސެނަލްގެ ގޯލް ދަނޑިއަށެވެ.
ރޭގެ މެޗު އާސެނަލް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށް މިހާރު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި ވާއިރު، ކުއާޓާ ފައިނަލްގައި އެ ޓީމާ ދެކޮޅަށް ވާދަކުރާ ޓީމެއް އިނގޭނީ މިއަދު ބާއްވާ މުބާރާތުގެ ކުއާޓާގެ ގުރުލުމުންނެވެ.