ފޮރިން މިނިސްޓްރީ ކައިރިން ބޮޑުތަކުރުފާނުމަގުގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު ގާތްގަނޑަކަށް 9:30 އެހާކަންހާއިރު ފޮރިން މިނިސްޓްރީ ކައިރިން ބޮޑުތަކުރުފާނު މަގުން ދެކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ދެ ސައިކަލު ޖެހުމުގެ ސަބަބުން އެކަކަށް އެކި ވަރުގެ އަނިޔާތައް ލިބުނު އިރު ދެ ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާ އައިޖީއެމްއެޗަށް ގެންގޮސް މިހާރު ފަރުވާދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ މީޑިޔާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި މިހާއަށް މިހާރު އެމެޖެންސީގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާ އަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު ސާފުވާނީ ފަރުވާދީ ނިމުމުން ކަމަށެވެ.