16 Feb 2015, 10:51
ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ގައުމުން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެންފި އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ އިއްޔެ ހަވީރު ސިރިސޭނާ ނިއުދިއްލީއަށް ވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ވިދާޅުވީ އިންޑިއާގެ މިނިސްޓަރް އޮފް ސްޓޭޓް ފޯ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް އެންޑް ޝިޕިން، ޕޮން ރާދަކްރިޝްނަން ކަމަށެވެ. އަދި ބުނީ ސިރިސޭނާގެ ޝަރަފްގައި އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ ބޭއްވެވި ޖާފަތެއް ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީބަވަންގައި މިއަދު ހެނދުނު އޮތް ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ސިރިސޭނާއާ ބައްދަލުކުރައްވާނީ މިއަދު އޮންނަ މެދުންރުގެ ފަރިއްކޮޅެއްގައެވެ.
މެންދުރުގެ ފަރިއްކޮޅަށް ފަހު ދެގައުމުގެ ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށް ފަހު ދެގައުމުގެ ދެމެދު ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކުރާނެއެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ އިންވެސްޓްމެންޓާއި ދަނޑުވެރިކަމާއި ސަގާފީ ކަންކަމުގައިވާ އެއްބަސްވުންތަކެއް ކަމަށް ނޫހުން ބުންޏެވެ.
ސިރިސޭނާއާއި މޯދީ މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ އެންމެ މުހިއްމު މައްސަލައަކީ ސްވިޒަލެންޑްގެ ޖެނީވާގައި ބާއްވާ ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމެވެ. ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ސްރީލަންކާއަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅޭ ގަރާރެއް އެބައްދަލުވުމަށް ހުށަހަޅާނެ ކަމަށް ކުރިން އޮތީ ބެލެވިފައެވެ.
ނަމަވެސް ސްރީލަންކާގެ އާ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ފުރުސަތު ދިނުމުގެ ގޮތުން އެގަރާރު ހުށަނޭޅުމަށް އިންޑިއާއާއި އެމެރިކާއިން ނިންމާފައިވާ ކަން އިންޑިއާ ސަރުކާރުގެ ބައެއް މަސްދަރުތަކުން އެނގިފައިވާ ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ.
ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސާ ބަލިކުރައްވައި ސިރިސޭނާ ރައީސް ކަމަށް ވަޑައިގެންނެވީ ރާޖަޕަކްސާއާއި އިންޑިއާ ސަރުކާރާ ދެމެދު ނުތަނަވަސްކަމެއް އުފެދުނު ވަގުތެއްގައެވެ. ރާޖަޕަކްސާގެ ސަރުކާރާ އިންޑިއާ އާއި ދެމެދު ގުޅުން ގޯސްވީ ޗައިނާއާއި ގުޅުން ބަދަހިކުރެއްވުމުންނެވެ. އެގޮތުން ކޮލަމްބޯ ބަނދަރުގައި މިދިޔަ އަހަރު ދެފަހަރެއްގެ މަތިން ޗައިނާގެ ސަބްމެރިން އެއް ބަނދަރު ކުރި މައްސަލަ ވަރަށް ހޫނުވިއެވެ.