16 Feb 2015, 10:40
ރޭގެ ވަގުތެއްގައި ގދ. މަޑަވެލީގައި ދާއަޅަން ގޮސް އުޅެނިކޮށް ލޮލަށް ތުންދިގު ތޮޅިއެއްގެ ތުންގަނޑު ހެރުނު މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް މިއަދު "ސަން" އަށް ވިދާޅުވީ ލޮލަށް ތޮޅި ހެރުނު މީހާ ވަރަށް ސީރިއަސް ކަމަށާއި އޭނާ އަދިވެސް އޮތީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ. އަދި އިތުރު ފަރުވާއަށް އެމީހާ މާލެ ގެނައުމަށްޓަކައި މިހާރު ކާޑެއްދޫ އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށް ވެސް އައިމިނަތު ވިދާޅުވިއެވެ.
ބަލިމީހާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އޭނާ މާލެ ގެނައުމަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އެހާ ސީރިއަސް ބަލިމީހަކު އެކަށީގެންވާ އަވަހަކަށް މާލެ ގެނެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާ ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
އެކަމާ ގުޅިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރު ވިދާޅުވީ ފްލައިޓް ޗާޓާޑް ކުރުމުގެ ހުރިހާ ކަމެއް އާސަންދައިން ހަމަޖެހުނު ކަމަށެވެ. ނަމަވެސް އައިލެންޑް އޭވިއޭޝަންގެ ޝެޑިއުލް ހަމަޖެހިފައިވާގޮތުން، ފްލައިޓެއް ޗާޓާޑް ކުރެވެން އޮތީ މިއަދު ހެނދުނު ކާޑެއްދޫ އިން ފުރާ ފްލައިޓަށްވުރެ ލަހުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެން ވެއްޖެނަމަ ބަލިމީހާ މާލެއަށް ގެނެވޭގަޑި ލަސްވާނެ. އެހެންކަމުން ޝެޑިއުލްޑް ފަލައިޓެއްގައި މާލެއަށް ގެންނަން ހަމަޖެއްސީ އެއީ އޭނާ މާލެ ގެނެވޭނެ އެންމެ އަވަސް ގޮތް ކަމުގައި ވާތީ،" އައިމިނަތު ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގެ އެހީގައި ބަލިމީހާ މާލެ ގެނެވޭނެ ގޮތް ހަމަޖެހުނު ކަމަށާއި އެހެންނަމަވެސް ވެންޓިލޭޓަރެއްގެ އެހީގައި އޮންނަ މީހަކު ހެލިކޮޕްޓަރުގައި ގެނައުމަށްވުރެ ބަލިމީހާއަށް ރައްކާތެރިގޮތަކީ ފްލައިޓެއްގައި ގެނައުން ކަމަށް އައިމިނަތު ވިދާޅުވިއެވެ.
ރޭ އިރާކޮޅު ދާ އަޅަން ގޮސް އުޅެނިކޮށް ތޮޅިއެއް ލޮލަށް ހެރިގެން ޒަހަމްވެފައި ވަނީ ގދ. މަޑެވެލި، ހުޅަނގު އަލިވާގެ، ހަސަން ތައްހާނެވެ. އެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް އެއްގަޑިއިރު ތެރޭގައި އޭނާ ވަނީ ގދ. ތިނަދޫ އަށް ގެންގޮސްފަ އެވެ.
އޭނާގެ އާއިލާ އިން ބުނީ ތޮޅީގެ ތުންގަނޑު ލޮލަށް ހެރިފައިވާލެއް ފުން ކަމުން އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ.