16 Feb 2015, 10:23
ސްޕެނިޝް ލަލީގާގައި ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ، ބާސެލޯނާ އަނެއްކާވެސް ތާވަލްގައި ރެއާލް މެޑްރިޑާ އެއް ޕޮއިންޓު ގާތަށް ޖެހިލައިފި އެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ބާސާ މިހާރު ވަނީ ލީގުގައި މުޅިއެކު 56 ޕޮއިންޓު ހޯދާފައެވެ. އަދި ތާވަލް ލީޑު ކުރަމުންދާ ރެއާލްއަށް 57 ޕޮއިންޓް ލިބިފައި ވާއިރު، ތާވަލްގެ ތިން ވަނައިގައި 50 ޕޮއިންޓާއެކު އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ސެލްޓަ ވީގޯ އަތުން ބަލިވުމުން، އެ ޓީމަށް ވަނީ ކުރިއެރުމެއް ލިބޭ ގޮތް ނުވެފައެވެ.
ރޭ ބާސާ ކުޅުނު މެޗުގައި އެ ޓީމްގެ ތަރި ލިއޮނަލް މެސީ ވަނީ ލަލީގާގައި އޭނާގެ 23 ވަނަ ހެޓްރިކް ހަދައި، ލަލީގާގައި މިހާތަނަށް އެންމެ ގިނަ ހެޓްރިކް ހެދި ކްރިސޓިއާނޯ ރޮނާލްޑޯގެ ރިކޯޑާ ހަމަހަމަ ކޮށްފައެވެ. އޭގެ އިތުރުން ރޭ މެސީ ކުޅުނު މެޗަކީ ލަލީގާގައި މިހާތަނަށް އޭނާ ކުޅުނު 300 ވަނަ މެޗެވެ.
ރޭގެ މެޗު ޑޮމިނޭޓް ކުރަމުން ދިޔަ ބާސާއަށް މެސީގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކޮށްދިނީ 38 ވަނަ މިނެޓުގަ އެވެ. އަދި 59 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު، މެސީގެ ހެޓްރިކް އޭނާ ފުރިހަމަ ކުރީ 65 ވަނަ މިނެޓުގައި ބާސާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެނެވެ.
ރޭގެ މެޗުގައި ބާސާއަށް ލެވަންޓޭގެ ގޯލު ހުޅުވާލަދިނީ މެސީގެ އެސިސްޓަކާއެކު މެޗުގެ 17 ވަނަ މިނެޓުގައި ނޭމާ އެވެ. އަދި ބާސާގެ އެންމެ ފަހު ލަނޑު ކާމިޔާބުކޮށް، މެޗު އެ ޓީމަށް ކަށަވަރު ކޮށްދިނީ ދެވަނަ ހާފްގައި ނޭމާގެ ބަދަލުގައި ކުޅެން އެރި ލުއިސް ސުއަރޭޒް އެވެ. މެޗުގެ 73 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ކާމިޔާބު ކުރީ ކުޅެން އެރިތާ ހަ މިނެޓު ތެރޭގަ އެވެ.
ބާސާއާ ހިލާފަށް މި މަހުގެ ކުރީކޮޅު ލަލީގާގެ އެއްވަނަ ރެއާލް 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކުރި އެތުލެޓިކޯ މެޑްރިޑް ރޭ ސެލްޓަ ވީގޯ އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުން ނެވެ. ތާވަލްގެ ނުވަވަނައިގައި އޮތް ސެލްޓަ ވީގޯއަށް އެތުލެޓިކޯގެ ގޯލް ހުޅުވާލަދިނީ މެޗުގެ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްތީއަކުން އެ ޓީމްގެ ނޮލީޓޯ އެވެ.
ތާވަލްގެ ތިންވަނައިގައި އޮތް އެތުލެޓިކޯއަށް ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ ސެލްޓަ ވީގޯ އެވެ. އަދި 71 ވަނަ މިނެޓުގައި އެ ޓީމްގެ ފެބިއަން ކާމިޔާބު ކުރި ލަނޑާއެކު، މެޗުގެ ތިން ޕޮއިންޓު ހޯދީ ސެލްޓަ ވީގޯ އެވެ.