16 Feb 2015, 10:09
އިންޑިއާ އިން މުދާ ހިފައިގެން އައި ބޯޓަކުން ރާއްޖެ އެތެރެކުރި 9.9 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ކަމަށް ތުހުމަތު ކުރެވޭ އިތުރު ދެ ދިވެއްސެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި "އެމްއެސްވީ ސިލްވާ ކްލައުޑު" ނަމަކަށް ކިޔާ ބޯޓުން ރާއްޖެ ގެނައި މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ކަމުގެ ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ މ. ބޮއިލިންގް ފިޝް އަހްމަދު ވިސާމް އާއި ގދ. ރަތަފަންދޫ ގުލްދަސްތާގޭ މުހައްމަދު ހަމީދުގެ މައްޗަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ޑެލިވަރީ ކޮންޓްރޯލް އޮޕަރޭޝަންގެ ދަށުން މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުގައި 2012 ވަނަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހު ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް އެ ސަރަހައްދުގައި އެ ދެ މީހުން ހަރަކާތްތެރިވި ކަމަށް ދައުލަތުން ކުރި ދައުވާގައި ވެއެވެ.
ދައުވާގައި ވަނީ މާލޭ ކޮމާޝަލް ހާބަރުގެ މަތިން، ބޮޑުތަކުރުފާނު މަގުގައި ލޮރީތައް ޕާކްކޮށްފައިވާ ދިމާލަށް އެއްޗެއް އެއްލާލިތަން ފުލުހުންނަށް ފެނުނު ވަގުތު އެ ދެ މީހުން ބޮޑުތަކުރުފާނުމަގުން ހިނގާފައިގޮސް އެސަރަހައްދުގައި ލޮރީތައް ޕާކްކޮށްފައި އޮތްތަން ވަށައިގެން ހޯދުމަށްފަހު ލޮރީގެ ފަހަތަށް ވަތް މަންޒަރު ފުލުހުންނަށް ފެނިގެން ފުލުހުން އެ ލޮރީ ކައިރިއަށް ދިޔަ ވަގުތު ލޮރީ ކައިރިން ނުކުތުމަށްފަހު ބާރަށް ހިނގައިގަތުމުން ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ދެ މީހުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ހާޒިރުގައި އެމީހުން ހަރަކާތްތެރިވި ލޮރީގެ ކައިރި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ފެނިފައިވާކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ވެއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނެފައިވާ މިންވަރަށް އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
މީގެއިތުރުން މިދެ މީހުންގެ ނަމުގައި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ހުރި ގިނައަދަދެއްގެ ފައިސާއަކީ މިދެ މީހުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމުގައި ކަނޑައެޅެން ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ ހާދިސާއާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލިއެވެ. އެ ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް މީގެކުރިން ވަނީ ހުކުމް ކޮށްފައެވެ.