އދ. މަޖިލިސް (ފެބްރުއަރީ 16): ޔަމަނުގެ ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ މުއައްސަސާތައް ޙިސާރުކޮށްފައިއޮންނަ އޮތުން ނިމުމަކަށް ގެނެސް އެގައުމުގެ ބޮޑެތި ސިޓީތަކުން ޙޫޘީ ހަނގުރާމަވެރިން ފޭބުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

އުރުދުންއާއި އިނގިރޭސިވިލާތް އިސްކޮށްކޮށް ތިބެގެން ގަލްފުގެ އަރަބި ގައުމުތަކާއި ހުޅަނގުގެ ބޮޑެތި ބާރުތަކުގެ އެހީތެރިކަމާއެކު މިގަރާރު ފާސްކޮށްފައިވަނީ ސަލާމަތީ މަޖިލީހުގެ އިއްތިފާގުންނެވެ.

ހޫޘީ ހަނގުރާމަވެރިން ޔަމަންގެ ސިޔާސީ ނިޒާމަށް އަތްގަދަ ކުރުމާގުޅިގެން ފާސްކުރި މިގަރާރު އަމާޒުކޮށްފައިވަނީ މައިގަނޑު ހަތަރުކަމަކަށެވެ.

ފުރަތަމަ ކަމަކީ ޔަމަންގެ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ޙޫޘީ ހަނގުރާމަވެރިން ފައިބައި އެ މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމުގެ ފުރްސަތު ދިނުމެވެ. ދެވަނަކަމަކީ ޔަމަންގެ ބޮޑެތި ސިޓީތަކުން ޙޫޘީ ހަނގުރާމަވެރިން ފައިބައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ޢަސްކަރީ ހަރަކާތްތައް ނުހިންގުމެވެ. ތިންވަނަ ކަމަކީ ޙޫޘީ ހަނގުރާމަވެރިން ހައްޔަރު ކޮށްފައިވާ ޔަމަންގެ ސިޔާސީ ފަރާތްތަކާއި އާންމުން މިނިވަންކުރުމެވެ. ހަތަރުވަނަ ކަމަކީ ޔަމަންގެ ވެރިރަށް ސަންޢާ އާއި އެގައުމުގެ ޕްރޮވިންސް ތަކުގައި ސަރުކާރު ސިފައިންނާއި ފުލުހުން ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި ސުލްޙައާއި ހަމަޖެހުން ގާއިމްކުރުމުގެ ފުރުސަތާއި އެކަމުގެ އެއްބާރުލުން ޙޫޘީ ޖަމާއަތުން ސަލާމަތީ ބާރުތަކަށް ދިނުމެވެ.
ފަސްވަނަ ކަމަކީ ހޫޘީ ހަނގުރާމަވެރިންނާއި އެނޫން ހަނގުރާމަވެރި ޖަމާއަތްތަކުން ޔަމަންގެ ފުލުހުންނާއި ސިފައިންގެ މުއައްސަސާއިން އަތުލައިގެންފައިވާ ހަތިޔާރުތައް އަލުން އަނބުރައި މިދެމުއައްސަސާއާ ޙަވާލުކުރުމެވެ.

މިގަރާރުގެ ދެލިކޮޕީގައި އެންމެ ފަހުގެ ކަމަކަށް ގޮވާލަނީ ޔަމަންގައި ހަމަޖެހުމާއި ސުލްޙަ ގާއިމް ކުރުމުގައި ހުރިހާ ފަރާތްތަކަކުންވެސް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ހަމަޖެހުން ގެއްލޭފަދަ އެއްވެސް އަމަލެއް ނުހިންގުމެވެ.

ނަމަވެސް ޙޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމުގެ ނިޒާމަށް އަތްގަދަ ކުރުމަށްފަހު އިޢުލާންކޮށްފައިވާ ވަގުތީ ދަސްތޫރު އުވާލުމަށް މިގަރާރު ގޮވާލާފައެއް ނުވެއެވެ. އަދި ރައީސް ހާދީ އަލުން އަނބުރައި ވެރިކަމަށް ގެނައުމާބެހޭގޮތުންވެސް މިގަރާރުގައި ވަކިގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ހާދީއާއި ބޮޑުވަޒީރު ޚާލިދު ބަހާހް މިނިވަން ކުރުމަށް ގޮވާލާފައިވެއެވެ.

ހޫޘީ ޖަމާޢަތުން މިމަހުގެ ހަވަނަ ދުވަހު އިޢުލާންކޮށްފައިވާ ޔަމަންގެ ވަގުތީ ދަސްތޫރު ގޮވާލަނީ ދެއަހަރު ދުވަހުގެ އިންތިގާލީ ވެރިކަމެއް ޔަމަންގައި ގާއިމް ކުރުމަށާއި އެއަށްފަހު އައު ދަސްތޫރެއްގެ ދަށުން މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ޔަމަންގައި ގާއިމް ކުރުމަށެވެ.

ދެއަހަރުގެ އިންތިގާލީ މަރްޙަލާގައި ޔަމަންގައި ވެރިކަންކުރުމަށް މިވަގުތީ ދަސްތޫރުގައި ބުނަނީ 6 މެންބަރުންގެ މައްޗަށް އެކުލެވޭ ރިޔާސީ މަޖިލީހަކުންނެވެ. ހޫޘީންނާ އިދިކޮޅު، ޔަމަންގެ ސިޔާސީ ހުރިހާ ފަރާތްތަކަކުންވަނީ މިދަސްތޫރު ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ. އަދި ޙޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމުގެ ނިޒާމަށް އަތްގަދަކުރި ކުރުމަކީ އިންގިލާބެއް ކަމަށްވެސް ހޫޘީންނާ އިދިކޮޅު ސިޔާސީ ފަރާތްތަކުންވަނީ ސިފަކޮށްފައެވެ.

ހޫޘީ ހަނގުރާމަވެރިން ޔަމަންގެ ވެރިކަމުގެ ނިޒާމަށް އަތްގަދަ ކުރުމާގުޅިގެން އެގައުމުގައި ސިޔާސީ ގަޑުބަޑުތަކެއް ކުރިޔަށްދިޔަނަމަވެސް ކުރިޔަށްވުރެ މާބޮޑަށް އެގައުމުގެ ޙާލަތު އަދި ގޯސްވެފައެއް ނުވެއެވެ. 2011 ވަނަ އަހަރުން ފެށިގެން ޔަމަންގައި ދަނީ ސިޔާސީ ބޮޑެތި ގަޑުބަޑުތަކެއް ހިނގަމުންނެވެ.

ހޫޘީން ޔަމަންގެ ވެރިކަން ކޮންޓްރޯލް ކުރަން ފެށުމާގުޅިގެން ހުޅަނގުގެ ބޮޑެތި ބާރުތަކާއި ސައޫދީ އަރަބިޔާއާއި ޔޫއޭއީން ވަނީ ޔަމަންގައިވާ އެގައުމުތަކުގެ އެންބަސީތައް ބަންދުކޮށް ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާތައް ޔަމަނުން ބާލައި އެމީހުންގެ ގައުމުތަކަށް އަނބުރައި ގެންގޮސްފައެވެ. (އަލްޖަޒީރާ)