16 Feb 2015, 09:29
ސިރްތު (ފެބްރުއަރީ 16): އައިއެސް ޖަމާއަތުގެ ލީބިޔާގެ ގޮފިން ވަގަށް ނަގާފައިވާ މިސްރުގެ 21 މީހުން ކަތިލައިގެން މެރި މަންޒަރު ދައްކައިދޭ ވީޑިޔޯ އެޖަމާއަތުން އާންމުކޮށްފި އެވެ.
އައިއެސްގެ ލީބިޔާގެ ގޮފިން މިޖަރީމާ ހިންގިމަންޒަރު ވީޑިޔޯކުރުމަށްފަހު އިންޓަނެޓްގެ ޝާއިޢުކޮށްފައިވަނީ އެޖަމާއަތުގެ ޚަބަރުތަކާއި ވީޑިޔޯތައް ކުރިންވެސް ޝާއިޢުކުރާގޮތަށެވެ. މި ވީޑިޔޯއާއެކު އައިއެސްގެ ހައްދު ފަހަނަޅާފައިވާ ފިކުރުގައި ލީބިޔާގެ ބައެއް ޒުވާނުން ޖެހިފައިވާ މިންވަރު މިޖަރީމާއިން ހާމަވުމުން މިޖަރީމާގެ ޝިކާރައަކަށްވި މީހުން ނިސްބަތްވާ މިސްރުގެ ރައްޔިތުންގެ އިތުރުން ލީބިޔާގެ އާންމު ރައްޔިތުންގެ މެދުގައިވަނީ ބިރުވެރިކަން އުފެދިފައެވެ.

ކަތިލުމަށްޓަކައި އައިއެސްގެ ހަނގުރާމަވެރިން މިސްރުގެ 21 މީހުން ސިރްތުގެ އަތިރިމައްޗަށް ގެންދަނީ--
އައިއެސް އިން ކަތިލި މިސްރުގެ 21 މީހުންނަކީ އެގައުމުގެ ކަފަރުއްޝައިޚް ގަވަނޭޓް އަށް ނިސްބަތްވާ މަސްވެރިން ތަކެކެވެ. އެމީހުން ވަގަށްނަގާފައިވަނީ ލީބިޔާގެ މަސްވެރިންނާއެކު މަސްވެރިކަމުގެ މަސައްކަތުގައި އުޅެނިކޮށް ލީބިޔާގެ މިސްރާތާ ސިޓީގައި މިދިޔަ ހަފްތާގައެވެ. މި ގަތްލުއާންމާ ގުޅިގެން މިސްރުންވަނީ 7 ދުވަހުގެ ގައުމީ ހިތާމަ އިޢުލާންކޮށްފައެވެ.
މިސްރުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޒްގު ހޯދުމަށް ލީބިޔާގައި މަސައްކަތް ކުރަމުން ގެންދިޔަ އެގައުމުގެ ކުށެއްނެތް އާންމުންގެ 21 މީހުން ވަގަށްނެގުމަށްފަހު އައިއެސް ނަމަކަށްކިޔާ ޓެރަރިސްޓް ޖަމާއަތުން އެމީހުން ކަތިލައި ބޯބުރިކޮށްލައިގެން މަރާލި ހިތާމަވެރި ޙާދިސާއާ ގުޅިގެން 7 ދުވަހުގެ މުއްދަތަށް ގައުމީ ހިތާމަ އިއުލާންކޮށްފައިވާ ކަމުގައެވެ. އައިއެސްގެ ރަހުމެއްނެތް މިޖަރީމާއާ ގުޅިގެން މިސްރުގެ އާންމު ރައްޔިތުންނަށްވަނީ ޝޮކެއްލިބިފައެވެ.
އައިއެސް އިން އާންމުކުރި ވީޑިޔޯއިން ދައްކައިދެނީ އެޖަމާއަތުން މިދިޔަ ހަފްތާގައި ވަގަށްނެގި މިސްރުގެ 21 މީހުން އޮރެންޖު ކުލައިގެ ހެދުމެއް ލެއްވުމަށްފަހު ޖަނަވާރުން ކަތިލާގޮތަށް އެއްވެސް ރަހުމެއްނެތި ވަޅިއަކުން އެމީހުން ކަތިލައި ކަރުބުރިކޮށްލާ އަނިޔާވެރި މަންޒަރެވެ. އައިއެސްއިން މިޖަރީމާ ހިންގާފައިވަނީ ލީބިޔާގެ ކަނޑު (މެޑިޓަރޭނިޔަން ކަނޑު) ގެ އައްސޭރިފަށުގައެވެ. އެޖަމާއަތުން ހާމަކުރި ވީޑިޔޯގައި މިސްރުގެ 21 މީހުން ކަތިލުމަށްފަހު އެމީހުންގެ ލެއިން އެސަރަހައްދުގެ މޫދުގެ ލޮނުގަނޑު ރަތްވެގެންދިޔަ މަންޒަރުވެސް ހިމަނާފައިވެއެވެ. މިއީވެސް އެޖަމާއަތްދެކެ އެހެންމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ނަފްސާނީ ބޭނުމުގައި ހިންގި ކަމެއްކަމަށްވަނީ ބެލެވިފައެވެ.

އައިއެސްއިން މިސްރު މީހުންގެ ބޯބުރިކޮށްލަނީ --
އައިއެސްއިން މިގަތުލުއާންމު ހިންގި އަތިރި މައްޗަކީ ލީބިޔާގައިވާ އައިއެސް ހަނގުރާމަވެރިންގެ މައި މަރުކަޒުގެ ގޮތުގައި ބެލެވޭ ސިރްތު ސިޓީގެ އަތިރިމަތި ކަމަށް ވަނީ ބެލެވިފައެވެ. ސިރްތު ސިޓީއަކީ ލީބިޔާގައި ހަތަރުވަނައަށް އެންމެ ބޮޑު ސިޓީއެވެ. އެއީ މެޑިޓަރޭނިޔަން ކަނޑުގެ އައްސޭރިފަށުގައިވާ ސިޓީއެވެ. ސިރްތުގެ މަގުތަކުގައި އައިއެސްގެ ހަނގުރާމަވެރިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާއިރު އެމީހުންގެ އަނިޔާވެރިކަމުން އެރަށުގެ ރައްޔިތުން ސަލާމަތްކުރާނެ މަރުކަޒީ ސަރުކާރެއްނެތެވެ. ނަމަވެސް ލީބިޔާގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިންވަނީ ޚަވާރިޖުން ކަމަށް ސިފަކޮށް އައިއެސްގެ ހަނގުރާމަވެރިން އެނބުރި އިސްލާމް ދީނަށް ރުޖޫޢަވަންދެން އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ނިންމައި އެކަން ލީބިޔާގެ ރައްޔިތުންނަށް އިޢުލާންކޮށްފައެވެ.
އައިއެސްއަކީ 15 ވަރަކަށް ހާސް ހަނގުރާމަވެރިން ހިމެނޭ ޖަމާއަތެއްކަމަށް ރިޕޯޓްތައްބުނާއިރު އެޖަމާއަތުން ދުޝްމަނުންނާ ދެކޮޅަށް ބޭނުންކުރާ ހަނގުރާމައިގެ ޓެކްޓިކަކީ ނަފްސާނީގޮތުން ބިރުދެއްކުމެވެ. އެޖަމާއަތުގެ އަތްދަށުގައިވާ ހަނގުރާމައިގެ އަސީރުން ދިރިތިއްބައި އަލިފާނުން އެންދުމާއި ވަގަށްނަގާ ރަހީނުން ކަތިލައިގެން މެރުމަށްފަހު އެއަނިޔާވެރި މަންޒަރުތައް ވީޑިޔޯކޮށްގެން ދެއްކުމަކީ ދުޝްމަނުންގެ ހިތްތަކުގައި ނަފްސާނީ ބިރުވެރިކަމެއް އުފެއްދުމަށް އެޖަމާއަތުން ކުރާ ނަފްސާނީ ހަނގުރާމައެއްކަމަށް މުޙައްލިލުން ސިފަކުރެއެވެ.

އައިއެސް އިން ކަތިލާލި މިސްރު މީހުންގެ ލެއިން އެސަރަހައްދުގެ މޫދު ރަތްވެފާ---
އިސްރާއީލަކީވެސް އަދަދުގެ ގޮތުން އަރަބިންގެ ލަޝްކަރުތަކާ އަޅައިބަލާއިރު މާބޮޑުބަޔަކަށް ނުވާތީ އިސްރާއީލުދެކެ އަރަބިންނާއި މުސްލިމުން ބިރުގެންނެވުމަށް ބޭނުންކުރަނީ އަނިޔާވެރިކަމެވެ. 200 މިލިޔަން އަރަބިންނަށާއި 1.5 ބިލިޔަން މުސްލިމުންނަށް ނަފްސާނީގޮތުން ބިރުދެއްކުމަށް ހިންގާ އަނިޔާވެރި އަމަލުތަކާއި ގަތުލުއާންމުތަކުގައި އިސްރާއީލު ބޭނުންކުރަނީ އެމެރިކާގެ ބާރުގަދަ ހަތިޔާރުތަކާއި ޓެކްނޮލޮޖީއެވެ. އަދި އިސްރާއީލުން އުފައްދާފައިވާ ނިއުކްލިޔަރ ހަތިޔާރަކީވެސް މުސްލިމުންނަށް ބިރުދެއްކުމުގެގޮތުން ނަފްސާނީ ހަތިޔާރެއްގެ ގޮތުގައި އިސްރާއީލު ބޭނުންކުރާ އެއްޗެކެވެ.
އައިއެސް އަކީ އެޖަމާއަތުން ވަގަށްނަގާ މީހުން ކަތިލައި އަސީރުންގެ ގޮތުގައި ހައްޔަރުކުރާ މީހުން ދިރިތިއްބައި އަލިފާނުން އަންދަމުން ގެންދާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއްކަން އެޖަމާއަތް އަމިއްލައަށް ސާބިތުކޮށްދޭން ފެށުމާއެކު އައިއެސްގެ ސަޕޯޓް މުސްލިމް ޒުވާނުންގެ މެދުގައި ގެއްލެމުންދާކަމަށް ޚަބަރުތައް ބުނެއެވެ. ޚާއްސަކޮށް އުރުދުންގެ ޕައިލެޓް މުޢާޛުލްކަސާސިބާ އަސީރެއްގެ ގޮތުގައި ހައްޔަރުކޮށް އޭނާ ދިރިހުއްޓައި އަލިފާނުން އަންދައި މަރާލުމުން އެކަން އައިއެސްއަށް 'ބެކްފަޔަރ' ވެގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އައިއެސްއަކީ އިސްލާމް ދީނުގެ ނަމުގައި އިސްލާމީ ޝަރީޢަތާ އަދި އިސްލާމީ އުސޫލުތަކާ ޚިލާފަށް އަނިޔާވެރިކަން ކުރިޔަށްނެރެ މީހުންމަރައި ނަފްސާނީގޮތުން ބިރުދައްކައިގެން މަގްސަދްތައް ޙާސިލްކުރަމުންދާ ޖަމާއަތެއްކަމަށްވާތީ އެޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރުން ހުއްދަކަމަށް އިސްލާމީ އެތަށް ދަންނަބޭކަލުންނެއްވަނީ ފަތްވާ ދެއްވާފައެވެ.
އައިއެސްއިން މިސްރުގެ 21 މީހުން ކަތިލައިގެން މަރާލުމާ ގުޅިގެން މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީވަނީ މިސްރުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައްވާފައެވެ. އައިއެސްއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް މިސްރުން ރައްދު ދޭނެގޮތެއް މިބައްދަލުވުމުގައި ކަނޑައަޅައި އެކަން އިއުލާންކުރާނެ ކަމަށް މިސްރުގެ ރިޔާސަތުން ބުނެއެވެ.
މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާއި ދީނީ ހުރިހާ މުއައްސަސާތަކާއި ސިޔާސީ ޖަމާއަތްތަކާ އަދި ޕާޓީތަކުންވަނީ އައިއެސްއިން ހިންގި މިޖަރީމާ ވަރަށް ބޮޑަށް ކުށްވެރިކޮށް އައިއެސްއަކީ އިސްލާމީ އިންތަކުން ބޭރުވެފައިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތެއްކަމަށް ސިފަކޮށްފައެވެ.
އަލްއަޒްހަރު ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. އަބްދުލްހައްޔު ޢަޒަބު ވަނީ އައިއެސްއަކީ ބިންމަތީގައި ފަސާދަކޮށް މުސްލިމުންނާއި ޣައިރު މުސްލިމުން ކަތިލައި މުޅި އިންސާނިއްޔަތަށް ބިރު ދައްކަމުންދާ ޖަމާއަތަކަށްވާތީ އެޖަމާއަތް ނައްތާލުމަށްޓަކައި ތެދުވުމަށް އިސްލާމީ ގައުމުތަކަށާއި މުޅި ބައިނަލްއަގްވާމީ މުޖްތަމައަށް އިލްތިމާސް ކުރައްވާފައެވެ. (ނޫސްއެޖެންސީތައް)