16 Feb 2015, 09:17
މާލޭގެ ބައެއް މަގުތައް ބަންދު ކުރުމަށް ހައުސިން މިނިސްޓްރީން ނިންމީ ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން ނެވެ. ބަންދު ކުރާ މަގުތަކުގައި ކުޑަކުދިން ކުޅެން އުޅޭ މަންޒަރާއި ޖޯލިފަތި ބަހައްޓައި، އަވަށްޓެރިންނާ އެއްކޮށް ވާހަކަ ދައްކާލައި އުޅޭތަން ބަލާލުމަކީ ރީތި މަންޒަރެކެވެ. ނަމަވެސް އެކަން ފަށައިގަންނަ އިރު ގޮންޖެހުންތަކެއް ދިމާވާނެ އެވެ. އާންމުންގެ ކަންބޮޑުވުންތަކެއް ހުރެދާނެ އެވެ. ޝަކުވާތައް މިހާރުވެސް އެބަ ހުއްޓެވެ. އެކަމަކު އެއީ ހައްލު ނުކުރެވޭނޭ ކަންކަމެއް ނޫނެވެ.
"މިގޮތަށް ހެދީމަ މުޅިން ސަކަރާތް ދޯ. މިހިރީ ބޮޑެތި މާސިންގާ ގަރާޖުތައް. އަހަރެމެން ވެސް ދިރިއުޅުމަށް ފައިސާ ހޯދަން ނުލާހިކު ބުރަ މަސައްކަތް ކޮށްގެން މިއުޅެނީ. އަހަރެމެންގެ ގަރާޖަށް މިހާރު މިވީ ގޮތުން ޕިކަޕު ގަނޑެއް ވެސް ނުވެއްދޭ. ދެން ކިހާ ސަކަރާތް ވާނެ. އަހަރެމެން ކަހަލަ ކުދި ވިޔަފާރި ކުރާ އެންމެނަށް ވަރަށް ބުރޫ އަރާ،" ބަންދު ކުރި ސަރަހައްދުގައި ހުރި ގަރާޖެއްގެ ވެރިއެއް ބުންޏެވެ.
މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. ވިޔަފާރިއަށް ބުރޫ ވެސް އަރާނެ އެވެ. ނަމަވެސް ތިމާގެ އަމިއްލަ މަސްލަހަތު އިސް ކުރަން ހަދައިގެން ކިތައް މީހުންގެ މަސްލަހަތު މީގެ ކުރިން ގެއްލިފައި އެބަހުރިތޯ އެވެ. ގަރާޖެއް ނުވަތަ ގުދަނެއްގެ ކުރިމަތީގައި ޕިކަޕެއް އޮވެގެން ކިހާ މީހުންނަކަށް ދަތިވެފައި ހުންނާނެ ތޯ އެވެ.
"އަސްލު ގޯސްކަމެއް ނޫން ކަންނޭނގޭ ގަވަރމަންޓުން އެކުރީއެއް. މިސާލަކަށް ބައެއް މީހުން [ވިޔަފާރިވެރިން] މުދާ ކްލިއާ ކުރާއިރު އާންމުކޮށް މަގު ބްލޮކުވޭ. އެކަމަކު އެފަރާތްތައް ވެސް ވިޔަފާރި ކުރާ ކަމަށް ވާނަމަ ނެތް ދެއްތޯ އިތުރު ޗޮއިސް އެއް. އެކަމަކު މިނިސްޓްރީން ބުނެފައި އެބައޮތް ދެއްތޯ ވަކި ގަޑިއެއްގައި ވިޔަފާރިވެރިންނަށް މަގު ހުޅުވާދޭނަމޭ. އެހެންވީމަ އަޅުގަނޑަށް ހީވަނީ އެއީ ހަމަ ރަނގަޅު ކަމެއްހެން،" މަގުތައް ބަންދު ކުރުމާއި ގުޅޭ ގޮތުން ވާހަކަދެއްކި ފާތިމަތު ރަޝީދު ބުންޏެވެ.
ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން ހެންވޭރު ރަތްވިލާ މަގާއި ހީނާ ގޯޅި އިއްޔެ ބަންދުކޮށްފައިވާއިރު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ގޯޅިތަކަކީ ފިހާރަތަކާއި ގުދަންތައް ހުންނަ މަގުތަކަށް ވުމުން އެ ސަރަހައްދުތަކަށް ރޭގަނޑުގެ ވަކި ވަގުތެއްގައި ވަކި ގަޑިއިރަކަށް އުޅަނދުތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ވަކި ގަޑިތަކެއްގައި ވަކި ކަހަލަ އުސޫލެއްގެ މަތިން އެކްސަސް ވެވޭ ކަހަލަ ގޮތަކަށް މަގުތައް ބޭނުންކުރެވިގެންދާނެ ގޮތަކަށް ބަދަލު ކުރެވޭނެ، އެއީ ރޭގަނޑުގެ ވަކި ގަޑިއެއްގައި. އާންމުކޮށް މީހުން ނުކުމެ ނޫޅޭ ގަޑިޔަކަށް ބަލާނީ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި އަލަށް ކުރި ކަމެކެވެ. އަލަށް މިކަން ކުރުމުން ފުރަތަމަ ދުވަސްކޮޅު ދަތިތަކާއި ކުރިމަތިވާނެ އެވެ. ރާއްޖެއަށް ޓެކްސް ތައާރަފް ވެގެން އައި ދުވަސްތަކުގައި ވެސް ކަން ހިނގީ ހަމަ މިފަދަ ގޮތަކަށެވެ. ޓެކްސް ތައާރަފް ކުރުމުން އެކަމާ ދެކޮޅަކަށް އެތައް ބަޔަކު އަޑު އުފުލި އެވެ. ނަމަވެސް މިއަދު އެކަން ހުއްޓިއްޖެ އެވެ.
ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، މަގުތައް ބަންދު ކުރުމުގެ މަސައްކަތުގައި ސަރުކާރުގެ ވިސްނުމަކީ ވީހާވެސް ރައްޔިތުންނާ ގާތުން މިކަން ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ވެސް އަލަށް ކުރާ ކަމެއް ކަމަށާއި ސަރުކާރަށް ވެސް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކީގައި މިކަންތަކުގައި ކުރިއަށް ގެންދިއުން އެއީ ސަރުކާރުގެ ވިސްނުމަކީ. ފުރަތަމަ ފަށައިގަންނަ ކަމެއްވީމަ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ކުރިއަށްދާ ކަމަށް. އެހެންވީމަ ސަރުކާރުން ވެސް ދެނެގަންނަން ބޭނުންވާނެ ކަންތައްތަކެއް ހުންނާނެ. އެހެންވީމަ ރައްޔިތުން ވެސް ހިނގާށޭ ސަރުކާރާއެކު މި މަސައްކަތް ކުރަން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ކަން މިހެން ހުރި ނަމަވެސް މިކަމުގައި އާންމު ރައްޔިތުންގެ ޝަކުވާ ފުދޭވަރަކަށް ގިނައެވެ. ޖަނަވަރީ މަގަގަކީ މެންދުރު ދަޅައިގައި ވެސް ގިނަ އަދަދެއްގެ ސައިކަލުތަކެއް ޕާކަށް ޖަހާފައި ހުންނަ މަގެކެވެ. އުފެދޭ ސުވާލަކީ ސަރުކާރުން އެސަރަހައްދުގައި ހަދާފައިވާ ޕާކިން ޒޯނުން އެ ސަރަހައްދުގެ ރައްޔިތުންނަށް ފުދޭނެ ހެއްޔެވެ؟
"ނުފުދޭނެ ދެއްތޯ. ކިހިނެއް ފުދޭނީ. މިހިރީ ޖަނަވަރީ މަގުގައި ރޯމާ ދުވާލު މެންދުރު ގަޑީގައި ވެސް ޕާކު ކޮށްފައި އޮންނަ ވަރު. ދެން ތިބޭފުޅުން ވިސްނާލައްވާ ދަންވަރު އަތަށް އެޅީމަ މުޅި މި މަގު ގާތްގަނޑަކަށް ފުރޭނެ ވެހިކަލްތަކުން. އަޅުގަނޑަކަށް ހިއެއް ވެސް ނޫން ޔަގީން ހަމަ ސަރުކާރުން މި ސަރަހައްދަށް ހަދާފައިވާ ޕާކިން ޒޯނަކުން ނުފުދޭނެ،" ރަތްވިލާ މަގުގައި އުޅޭ ޔޫސުފް ބުންޏެވެ.
ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި، ބަންދު ކުރާ ގޯޅިތަކާއި މަގުތައް ވެހިކަލް ވެއްދުން މަނާކުރާއިރު އެ ގޯޅިތަކުގައި ވެހިކަލް ޕާކުކުރާ މީހުންނަށް ވެހިކަލް ޕާކުކުރުމަށް ހާއްސަ ޕާކިން އޭރިއާތަކެއް ގާއިމްކޮށް ސްޓިކާ ދޭނެ އެވެ. އެ ސްޓިކާ ދާދި އަވަހަށް ދެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިފަދަ ކަންކަމަކީ ރައްޔިތުންނަށް ފަސޭހައަކަށް ސަރުކާރުން ކުރާ ކަންތައްތަކެވެ. ރައްޔިތުންނަށް އާޚިރުގައި މިކަމުގެ ސަބަބުން ލިބޭނީ ހިތްހަމަ ޖެހުމެވެ. އަވަށްޓެރިންނާ ގުޅުން ބަދަހިވެގެން ދާނެ އެވެ. ސަރުކާރުން އެދޭ ގޮތަށް މި މާލެ އަކީ ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް ވެގެންދާނެ އެވެ. މާލޭގައި ހުރި ޕާކުތައް ވެސް ސަރުކާރުން ތަރައްގީ ކުރީ މިފަދަ އުއްމީދެއްގައި އެވެ. ނަމަވެސް އާހިރުގައި އެ ޕާކުތައް ވެގެން ދިޔައީ ނުބައި ނުލަފާ "ޖަރީމާ" ހިންގާ "ކިއްލާ" ތަކަކަށެވެ.
މާލޭގެ މަގުތައް ބަންދު ކުރުން އެއީ ރަނގަޅު ފާލެއް ކަމުގައިވިއަސް އެކަމުން ނުކުމެދާނެ ނޭދެވޭ ނަތީޖާއަކަށް ވެސް ސަރުކާރުން ވިސްނަން ޖެހޭނެ އެވެ. އެ މަގުތަކުގައި ފާހިޝް އަމަލުތަކާއި ތަފާތު ގުރޫޕުތައް އުފަން ވުމަކީ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ގޮތެއް ނޫނެވެ. ސަރުކާރުން މާލޭގެ މަގުތައް ބަންދު ކުރާއިރު އެ މަގުތަކަކީ ޖެހިގެން ހުންނަ ގޭގެ މީހާއަށް ނުކުމެލަން ކެރޭ ވަރުގެ ތަނަކަށް ހެދުމަށް މަސައްކަތް ކުރަންވާނެ އެވެ.