16 Feb 2015, 02:44
ގދ. މަޑަވެލީގައި ދާ އަޅަން ގޮސް އުޅުނު މީހެއްގެ ލޮލަށް ތުން ދިގު ތޮޅިއެއް ހެރި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
މިރޭ އިރާކޮޅު ދާ އަޅަން ގޮސް އުޅެނިކޮށް ތޮޅިއެއް ލޮލަށް ހެރިގެން ޒަހަމްވެފައި ވަނީ ގދ. މަޑެވެލި، ހުޅަނގު އަލިވާގެ، ހަސަން ތައްހާނެވެ. އޭނާ މިހާރު އޮތީ ގދ. ތިނަދޫ، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.
ޒަހަމްވެފައިވާ މީހާގެ އާއިލާގެ މެމްބަރަކު "ސަން"އަށް މިރޭ ބުނީ އޭނާގެ ލޮލަށް ތިން އިންޗިއެއްހާ ވަރަށް ފުންކޮށް ތޮޅީގެ ތުންގަނޑު ހެރިފައިވާ ކަމަށާއި އެ ހާދިސާ ހިނގި ފަހުން އޭނާ ހޭ ނާރާ ކަމަށެވެ.
"ދާ އަޅަން ގޮސް އުޅެނިކޮށް ފުންމަމުން، ފުންމަމުން އައި ތޮޅިއެއް ލޮލަށް ހެރުނީ. ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ނުވަނީސް އަޅުގަނޑުމެން އޭނާ ތިނަދުއަށް ގެނެސްފިން. ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އަވަހަށް މާލެ ގެންދިއުމަށް،" ހަސަން ތައްހާނުގެ އާއިލާގެ މެމްބަރަކު ބުންޏެވެ.
އޭނާގެ އާއިލާ އިން ބުނީ ތޮޅީގެ ތުންގަނޑު ލޮލަށް ހެރިފައިވާލެއް ފުން ކަމުން އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އަދި ވެންޓިލޭޓާގެ އެހީގައި ނޭވާލަމުންދާ ހަސަން ތައްހާން މާލެ ގެންދެވޭނެ ގޮތެއް ނެތިފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
"ހޮސްޕިޓަލް މެނޭޖަރު ވިދާޅުވި އާސަންދައިން މެޗުވެރިކޮށް ފުލައިޓް ވެސް ޗާޓަރުކޮށްފައިވާ ކަމަށް. އަދި ހުރިހާ ހަރަދެން އާސަންދައިން ކަވަރު ކުރާނެ ކަމަށް. ނަމަވެސް ބަލި މީހާ އަރުވައިގެން ގެންދާނެ ސްޓްރެޗާއެއް ނެތިގެން މިކަން ނުވެގެން މި އުޅެނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަންއަށް ގުޅާލުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ، ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ތައްހާން މާލެ ގެންދިއުމަށް އެމްއެންޑީއެފްގެ "ކުރަނގި" ހެލިކަޕްޓަރު ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފަ އެވެ. ނަމަވެސް އެ ހެލިކަޕްޓަރުގައި ދަތުރުތައް ފެށޭނީ މާދަމާ ހެނދުނު ކަމަށްވެ އެވެ.