16 Feb 2015, 01:33
ރައްޔިތުން މަޖިލީހުގެ އިދާރާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އަށް ވަނަ އިންޓްރާ މަޖިލިސް ފުޓްސެލް މުބާރާތުގެ ޗެންޕިއަންކަން އެފްސީ ސިޓްރޮން ހޯދައިފި އެވެ.
އެފްސީ ސިޓްރޮން މުބާރާތުގެ ޗެންޕިއަންކަން ހޯދީ މިރޭ އެފްއޭއެމް ދެ ނަންބަރު ޓާފް ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި އެފްސީ ނާޅިއާ ވާދަކޮށް، 8-2 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އެފްސީ ސިޓްރޮންއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. އަދި އެފްސީ ނާޅީއަކީ މަޖިލީހުގެ އިދާރީ މުއައްޒަފުން ހިމެނޭ ޓީމެކެވެ.
ފައިނަލް މެޗަށްފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ޗެންޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިން މަނިކެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މަޖިލީހުގެ އަމަން ބަލަހައްޓާ ސިފައިންގެ މައްޗަށް އެކުލެވޭ އެމްއެންޑީއެފް ވަން އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި އެމްއެންޑީއެފްގެ އަމީން ފައިސަލާއި ހުސެއިން ނިޝާނެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމްޕީ ދޭއް ޓީމުގެ ކޯޗް ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) އެވެ.

އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އެފަދަ މުބާރާތްތައް އިތުރަށް ބާއްވާންޖެހޭ ކަމަށާއި އެ ކަންކަމުގައި މެންބަރުންނާއި މުއައްޒަފުން އިތުރަށް އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ރައްޔިތުންގެ މަޖުލީހުގެ އަމީންއާންމު އަހުމަދު މުހައްމަދަށް ނިހާން ޝުކުރު އަދާ ކުރެއްވި އެވެ. އަންނަ އަހަރު ބާއްވާ އެ މުބާރާތަށް ބޮޑު ތާއީދެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.

އަށް ވަނަ އިންޓްރާ މަޖިލިސް ފުޓްސެލް މުބާރާތުގައި ވާދަކޮށްފައި ވަނީ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނާއި މަޖުލީހުގެ އިދާރީ ސްޓާފުންގެ އިތުރުން މަޖުލީހުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފް ޑިޕާޓްމަންޓް އެކުލަވާލައިން ހޮވާލެވުނު އަށް ޓީމެވެ.