ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބުކުރާ 19 އަތޮޅު ކައުންސިލްގެ ތެރެއިން ތިން ކައުންސިލެއް އެމްޑީޕީއަށް، އަދި އަށް އަތޮޅު ކައުންސިލެއް އިދިކޮޅު ޑީއާރްޕީގެ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގެ އެންމެ ފަހުގެ ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

މިއީ އަތޮޅު ކައުންސިލްތައް އިންތިހާބުކުރުމަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ބެހެއްޓި ހުރިހާ ވޯޓު ފޮއްޓެއްގެ ވަގުތީ ނަތީޖާ ޗެކުކުރުމަށް ފަހު ރޭ އިލެކްޝަންސް ކޮމިޝަނުން ނެރުނު ނަތީޖާ އެވެ.

އެ ނަތީޖާގައިވާ ގޮތުގައި، ޑީއާރްޕީން ކޮންޓްރޯލްކޮށްފައި ވަނީ ށ. އަތޮޅާއި ތ. އަތޮޅާއި ނ. އަތޮޅާއި ކ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ލ. އަތޮޅު އަދި ގދ. އަތޮޅެވެ. އޭގެ ތެރެއިން ވ. އަތޮޅު ކައުންސިލްގެ ހަ ގޮނޑި ވެސް ގެންދިޔައީ ޑީއާރްޕީ ކެންޑިޑޭޓުންނެވެ.

އެމްޑީޕީން އަޣުލަބިއްޔަތު ހޯދައިފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން އއ. އަތޮޅުންނެވެ.
އެންމެ ފަހުގެ އަތޮޅު ކައުންސިލް ނަތީޖާ އިން ދައްކާ ގޮތުގައި ހަތް އަތޮޅު ކައުންސިލަކުން އެއްވެސް ބަޔަކަށް މެޖޯރިޓީއެއް ނުލިބެ އެވެ. އެއީ ފ. އަތޮޅާއި ބ. އަތޮޅާއި ރ. އަތޮޅާއި އދ. އަތޮޅާއި ޅ. އަތޮޅާއި ޏ. އަތޮޅުގެ އިތުރުން ގއ. އަތޮޅެވެ. އޭގެ ތެރެއިން ޏ. އަތޮޅާއި ބ. އަތޮޅު ވަނީ އެމްޑީޕީ އާއި ޑީއާރްޕީ ކެންޑިޑޭޓުން މެދުގައި އެއްވަރަކަށް ބެހިފަ އެވެ.

އަދި އަމިއްލަ ކެންޑިޑޭޓުން ހުރިހާ ގޮނޑިތަކެއް ގެންދިޔަ، ހަ ގޮނޑީގެ ދ. އަތޮޅު ކައުންސިލްގެ ނަތީޖާ އަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

އަތޮޅު ކައުންސިލްތަކުގައި ޖުމްލަ 132 ގޮނޑި ހިމެނޭއިރު އޭގެ ތެރެއިން 68 ގޮނޑިއާ އެކު ޑީއާރްޕީ ވަނީ އަތޮޅު ކައުންސިލްގެ އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ 51 ޕަސަންޓް ގޮނޑި އެވެ.
އެމްޑީޕީއަށް 47 ގޮނޑި ލިބުނު އިރު، އެއީ ޖުމްލަ ގޮނޑީގެ 36 ޕަސަންޓެވެ.
އަތޮޅު ކައުންސިލްތަކުން ތިން ވަނަ އަށް އެންމެ ގިނަ ގޮނޑި ގެންގޮސްފައި ވަނީ 10 ގޮނޑި ކާމިޔާބުކުރި އަމިއްލަ ކެންޑިޑޭޓުންނެވެ.

ކުދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ފަސް ގޮނޑި ލިބިފައިވާ އިރު ގައުމީ ޕާޓީ އާއި ޕީއޭން ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އަތޮޅު ކައުންސިލްތަކުގެ އިންތިހާބުން އެންމެ ގިނަ ވޯޓު ލިބިފައިވާ ބަޔަކަށް ބަލާއިރު، 9146 ވޯޓުގެ ތަފާތަކުން ވެރިކަންކުރާ އެމްޑީޕީ އުޅެނީ ޑީއާރްޕީއަށް ވުރެ ކުރީގަ އެވެ. އެމްޑީޕީއަށް އަތޮޅު ކައުންސިލް އިންތިހާބުގެ ޖުމްލަ 115399 ވޯޓު ލިބިފައިވާ އިރު، ޑީއާރްޕީ އަށް ލިބިފައި ވަނީ 106253 ވޯޓެވެ.

އެހެންނަމަވެސް، ވޯޓަށް ބަލާއިރު ވެސް ގިނަ އަތޮޅުތަކުން ވޯޓުގެ މެޖޯރިޓީ ހޯދައިފައި ވަނީ ޑީއާރްޕީ އެވެ. އެގޮތުން ޑީއާރްޕީން ވަނީ 10 އަތޮޅަކުން އެންމެ ގިނަ ވޯޓު ހޯދައިފަ އެވެ. އެއީ ނ. އަތޮޅާއި ރ. އަތޮޅާއި ކ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ލ. އަތޮޅު އަދި ގއ. އާއި ގދ. އަތޮޅުގެ އިތުރުން ޏ. އަތޮޅެވެ. ނަމަވެސް، ކައުންސިލްގެ ގޮނޑިއަށް ބަލާއިރު ޏ. އާއި ފ. އާއި ރ.ގެ އިތުރުން ގއ. އަތޮޅުން ޑީއާރްޕީއަށް މެޖޯރިޓީއެއް ނުލިބެ އެވެ.

އެމްޑީޕީއަށް އެންމެ ގިނަ ވޯޓު ލިބިފައި ވަނީ ހަތް އަތޮޅަކުންނެވެ. އެއީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި އއ. އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. އޭގެ ތެރެއިން ށ. އާއި ތ. އަތޮޅުން އެމްޑީޕީއަށް އެންމެ ގިނަ ވޯޓު ލިބުނު ނަމަވެސް، އަތޮޅު ކައުންސިލްގެ މެޖޯރިޓީ ހޯދީ ވާދަވެރި ޑީއާރްޕީ އެވެ.
އަދި ބ. އަތޮޅާއި ޅ. އަތޮޅުން ވެސް ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަކަށް ނުލިބެ އެވެ.

ޖުމްހޫރީ ޕާޓީން ވަނީ އދ. އަތޮޅު ކައުންސިލުން އެންމެ ގިނަ ވޯޓު ހޯދައިފަ އެވެ. އަދި ދ. އަތޮޅުން އެންމެ ގިނަ ވޯޓު ހޯދީ އަމިއްލަ ކެންޑިޑޭޓުންނެވެ.

މުޅި އަތޮޅު ކައުންސިލް އިންތިހާބުން އަމިއްލަ ކެންޑިޑޭޓުންނަށް ލިބިފައި ވަނީ 27412 ވޯޓެވެ. ކުދި ޕާޓީތަކުގެ ތެރެއިން ވޯޓުން ކުރީގައި އުޅެނީ 9373 ވޯޓާ އެކު ޖުމްހޫރީ ޕާޓީއެވެ. އަދި އަދާލަތަށް 2049 ވޯޓު ލިބިފައިވާ އިރު ޕީއޭ އަށް ލިބުނީ 1696 ވޯޓެވެ. ގައުމީ ޕާޓީ އަށް ލިބުނީ 1270 ވޯޓެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އައްޑޫ އާއި މާލޭގައި ސިޓީ ކައުންސިލެއް އުފެއްދުމަށް ނެގި ވޯޓުގެ އެންމެ ފަހުގެ ތަފުސީލު ވެސް އިލެކްޝަންސް އިން ވަނީ ރޭ އާއްމުކޮށްފަ އެވެ. ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުސިލް އެމްޑީޕީން ގެންގޮސްފައިވާ އިރު، 11 ގޮނޑީގެ މާލެ ސިޓީ ކައުންސިލް ވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރީ އެމްޑީޕީ އެވެ. މާލެ ސިޓީން ޑީއާރްޕީއަށް ދެ ގޮނޑި ލިބުނުއިރު، އެހެން ހުރިހާ ގޮނޑިއެއް ގެންދިޔައީ އެމްޑީޕީންނެވެ.

ދެ ސިޓީ ކައުންސިލްގެ މެޖޯރިޓީގެ އިތުރުން، އެ ދެތަނުން އެންމެ ގިނަ ވޯޓު ވެސް ގެންދިޔައީ އެމްޑީޕީ އެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން 6858 ވޯޓާއި، މާލެ ސިޓީން 10293 ވޯޓާ އެކު އެމްޑީޕީއަށް ވަނީ މުޅި ޖުމްލަ 17151 ވޯޓު ސިޓީ ކައުންސިލް އިންތިހާބުން ލިބިފަ އެވެ.

ޑީއާރްޕީ އަށް ސިޓީ ކައުންސިލްތަކުން ލިބުނީ ޖުމްލަ 11685 ވޯޓެވެ. އެއީ އައްޑޫން 3942 ވޯޓާއި މާލެއިން 7743 ވޯޓެވެ.

ސިޓީ ކައުންސިލްތަކުން ވެސް ވޯޓުގެ ނިސްބަތުން ތިން ވަނަ އަށް ކުރީގައި އުޅެނީ 2326 ވޯޓާ އެކު އަމިއްލަ ކެންޑިޑޭޓުންނެވެ.

ނޯޓު: ދާއިމީ ނަތީޖާ ނެރޭ އިރު މި ނަތީޖާ އަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.