16 Feb 2015, 00:40
"ސިޔާސީ މީހުން"ގެ ބޭނުމަށް ފުލުހުން ލައްވާ ކޮށްފައިވާ ހުރި ބައެއް ކަންތައްތައް ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދިފާއުގައި ޝަރީއަތަށް ހުށަހަޅާނެ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ނާޒިމުގެ ގާނޫނީ ޓީމުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާފައިވާ ބައެއް ހާދިސާތަކުން ފުލުހުންގެ ތެރެއިން ބަޔަކު ސިޔާސީ ބޭފުޅުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭކަން ހާމަވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ހާމައެއްނުކުރެ އެވެ.
އެއްވެސް އިންސާނަކަށް އަނިޔާވެރިވުމަށް އެއްވެސް އަމަލެއް ހިންގުމުގައި ފުލުހުން ބައިވެރިވެގެން ނުވާނެ ކަމަށް ވެސް ރިޔާޒު މިރޭ ވިދާޅުވި އެވެ.
"ނާޒިމްގެ މައްސަލާގައި އަޅުނގަޑުމެންނަށް އެބަ ހުރި މިހާ ހިސާބަށް މައުލޫމާތު ލިބިފައި، ފުލުހުން މެދުވެރިކޮށް ކޮށްފައި ހުރި ބައެއްކަންތައްތައް މައުލޫމާތު އެބަހުރި. އެއީ އަޅުނގަޑުމެން މި މައްސަލައިގެ ދިފާއުގައި ބޭނުންކުރާނެ އެއްޗެހި. އެ ވާހަކަތަކުގެ ތަފްސީލެއް ހާމައެއް ނުކުރެވޭނެ. މި މައްސަލާގެ ދިފާއުގައި ނަގަންހުރި މުހިއްމު މައުލޫމާތުތަކެއް އެބަހުރި،" ރިޔާޒު ވިދާޅުވި އެވެ.
ނާޒިމް ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ތަހުގީގެއްގައި ކުރަންޖެހޭ ކަންތައްތަކެއް ނުކޮށް ކަމަށް ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ ނާޒިމް އުޅުއްވާ އެޕާޓްމަންޓަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭގެ މެންދަމު ވަދެ، އެތަން ފުލުހުންގެ ފޮރިންސިކް ޓީމުން އެކަށީގެންވާ ގޮތެއްގައި ބަލާފައި ނުވާ ކަމަށެވެ.
އެކިއެކި މީހުން ފްރޭމް ކުރުމަށް ފުލުހުން މަސައްކަތް ކުރޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރިޔާޒު ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އޭނާ ހުންނެވިއިރު، ސިޔާސީ އެއްވެސް ބޭފުޅަކަށް މަގާމުގެ ނާޖާއިޒް ފައިދާ ބޭނުންކޮށްގެން އެއްވެސް ކަމެއް ކޮށްދީފައިނުވާނެ ކަމަށެވެ.
"އަމުރު އަންނާނެ، ޕޮލިސް ކޮމިޝަނާ އަށް އަންނާނެ އެކި ސިޔާސީ ބޭފުޅުންގެ ފަރާތުން ސިޔާސީ ގޮތުން އެބޭފުޅުން ބޭނުންވާ ކަންކަމެއް. ނޯންނާނެ. އެއްވެސް ބޭފުޅަކަށް ނުކެރޭނެ އަޅުނގަޑު ލައްވާ މިވެނި ކަމެއް ކުރުވީމޭ ވިދާޅުވާކަށް،" ރިޔާޒް ވިދާޅުވި އެވެ.