15 Feb 2015, 22:46
ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރު ހިންގާ ޕީޕީއެމުން ގެއްލުވާ ނުލެވޭނެ ކަމަށާއި ނަމަވެސް ދެތިން މެމްބަރުން އިދިކޮޅު ފަރާތްތަކާ ނުގުޅޭނެއެކޭ ނުދަންނަވާނެ ކަމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އަދީބު މިރޭ ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް އަންނަ ތަރައްގީގެ ސަބަބުން އެ ދާއިރާތަކުގެ ރައްޔިތުން ބާރު އެޅުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕީޕީއެމާ ގުޅެމުންދާ ކަމަށެވެ.
"ބޭރުގެ އެޖެންޓުން" މެދުވެރިކޮށް ފައިސާ ހަރަދުކޮށްގެން ޕީޕީއެމްގެ މެމްބަރުން އިދިކޮޅު ޕާޓީތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަދީބު މިރޭ ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑު ހަމަ ޑިކްލެއާ ކޮށްލަން މިރޭ ވެސް ތަކުރާރުކޮށް މި ދަންނަވަނީ އަޅުގަނޑުމެންގެ މެޖޯރިޓީއެއް ގާސިމް އިބްރާހިމަކަސް އަދި މުހައްމަދު ނަޝީދަކަސް އަދި ހަމައެހެންމެ ބޭރުގެ ކިތަންމެ ގިނަ އެޖެންޓެއް މެދުވެރިކޮށް ފައިސާ ހަރަދުކުރެއްވި ނަމަވެސް މާތް ރަސްކަނލާގެ އިރާދަފުޅުން އަޅުގަނޑުމެންގެ މެޖޯރިޓީއެއް ދުއްވައެއް ނުލެވޭނެ. އަޅުގަނޑު ނުބުނަން ދެތިން މެމްބަރުން ނުދާނެއެކޭއެއް ވެސް،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި އަދި ގާނޫނުތަކުގެ ހިމާޔަތުގައި ތިއްބެވީ ވެސް މިއަދުގެ ސަރުކާރުން ކަމަށެވެ. އަދި ގާސިމް އިބްރާހިމް ފަދަ ބޭބޭފުޅުންގެ ހިމާޔަތުގައި މިއަދު ވެސް މަސައްކަތް ކުރައްވާނީ މި ސަރުކާރުން ކަމަށް އަދީބު ވިދާޅުވި އެވެ.
"އެބޭފުޅުން މަގުމައްޗަށް ނުކުމެ މިއަދުގެ ސަރުކާރާ ރައްޔިތުން ހަވާލުވާން ވެއްޖެއޭ ބުނާއިރު އެބޭފުޅުން ވިސްނާލަން ވާނެ ކިތައް ބަލިތޯ އެބޭފުޅުން ވެފައި އެތިބީ މިދިޔަ ރިޔާސީ އިންތިހާބަށް ފަހު،" އަދީބު ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ގާސިމް އިބްރާހިމާ ތަފާތުވާ މައިގަނޑު ސަބަބަކީ ކަންކަން ކޮށްދިނުމަށްފަހު، "ކަލަގޮވުމަކީ" ރައީސް ޔާމިން އަދި ޕީޕީއެމްގެ ސަރުކަރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދީބު ވިދާޅުވީ ގާސިމް އިބްރާހިމާ ދޭތެރޭ ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ އިނގޭތޯ ގާނޫނާއި ހިލާފަށް. ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ތެދެއްމެ ހުންނާނެ ބައެއް ކަންތައް ކޮށްދެއްވާފައި. ގައުމަށްޓަކައޭ ކިއާފައި އަޅުގަނޑު އެބޭފުޅަކަށް ވަރަށް އިހުތިރާމް ކުރައްވާ ގާސިމް އިބްރާހިމް އެކުރައްވާ ކަމަކީ ހަމަ އަމިއްލަ އެދުމާއި ހުރެ ކުރައްވާ ކަންކަން،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ މިއަދުގެ ސަރުކާރުން ރާއްޖެއަށް ބޮޑު ތަރައްގީއެއް ގެންނާނެ ކަމަށެވެ. ތަކުރާރުކޮށް އަދީބު ވިދާޅުވީ މި ސަރުކާރަކީ "ކަލަ" ގޮވާނެ ސަރުކާރެއް ނޫން ކަމަށާއި ނަމަވެސް މި ސަރުކާރުގެ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ކުރިއަށް ކަމަށެވެ. އަދީބު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދުގެ މަލަމަތި ފެނިގެންދާނެ ކަމަށެވެ.