15 Feb 2015, 18:52
ފަސް މީހުންނާއެކު ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ކޮޅުވެއްޓި، ބަންޑުން ޖަހާލިއިރު ކޮޅުވެއްޓީގައި ހުރި އޭގެ ސަރަނގު މީހާ މޫދަށް ފުއްމާލީ އެ އުޅަނދުގެ ސަލަމާތަށް ގެންގުޅޭ "އެމެޖެންސީ ޕޮޒިޝަން އިންޑިކޭޓިން ރޭޑިއޯ ބީކަނެއް" (އީޕާބު) އެއް ހިފައިގެން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ކޯސްޓު ގާޑު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލެފްޓިނެންޓު ކާނަލް އިބްރާހިމް ހިލްމީ ވިދާޅުވީ އީޕާބު އަކީ ސެޓްލައިޓު ޓްރެކިން ޑިވައިސްއެއް ކަމަށެވެ. އަދި އޭގެއިން ދޫކުރާ ސިގްނަލްގެ ސަބަބުން ރާއްޖެއާ އެންމެ ކައިރީގައި ހުންނަ މިޝަން ކޮންޓްރޯލް ސެންޓަރުން އެ ސިގްނަލްގެ މައުލޫމާތު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަށް ލިބިގެންދާނެ ކަމަށެވެ.
"އެ ސިގްނަލް ލިބިގެންދާނީ ރާއްޖެއާ އެންމެ ކައިރީގައި ހުންނަ މިޝަން ކޮންޓްރޯލް ސެންޓަރުން [އެމްސީސީ] ބެންގަލޫރު މެދުވެރިކޮށް އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓަށް، މިކަމުގެ މައުލޫމާތު އެތަނުގެ އާރްސީސީއަށް ޓެލެކްސް މެސެޖެއްގެ ގޮތުގައި ވަނީ ލިބިފައި،" ހިލްމީ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވީ އެމްސީސީން އެފަދަ ސިގްނަލެއް ފޮނުވި ނަމަވެސް އެއީ ކޮޅުވެއްޓިން ފޮނުވާ ސިގްނަލް ކަމެއް ޔަގީން ކުރެވުނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
"އެއީ އުޅަނދެއް ގެއްލިގެން މައުލޫމާތު ލިބިފައިވުމާއި ހެނދުނު ލިބުނު ޑިސްޓެންސް އެލާޓުގައިވާ ކޯލް ސައިންއާ ހަބަރެއް ނުވެގެން ހޯދަމުންދާ އުޅަނދުގެ ކޯލް ސައިންއާ ދިމާވުމުން. މި ދެންނެވި ތަފްސީލް މެސެޖު ލިބިފައި ވަނީ މި މަހުގެ 11ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި،" ހިލްމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީޕާބު ސިގްނަލް ލިބުމާއެކު ކޮޅުވެއްޓި ހޯދުމަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ފުލުހުންގެ އުޅަނދަކާއި އެމްއެންޑީއެފްގެ އުޅަނދެއް އެ ދުވަހު ސިގްނަލް ލިބެމުންދާ ސަރަހައްދަށް ފޮނުވުނު ކަމަށް ހިލްމީ ވިދާޅުވި އެވެ. ނަމަވެސް އޭރުވެސް އުޅަނދެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ހިލްމީ ވިދާޅުވި އެވެ.
"މި މަހުގެ 11 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެ ހިސާބުގައި މަސްވެރިކަމަށް ނުކުމެ އުޅުން ކަންނެލި ދޯންޏަކުން ވަނީ ބޯޓުގެ ކެޕްޓަނާއި ބޯޓުގެ ސަރަނގު ނަގާފައި. އެއީ ބ. ގޮއިދޫ 40 މޭލު ދުރުން. އަދި އެއަށްފަހު ކޯސްޓުގާޑުގެ ހުރަވީއަށް އެ ދެމީހުން ނަގާ އިތުރު ފަރުވާއަށް ބ. އޭދަފުއްޓަށް ގެންދެވުނު،" ހިލްމީ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވީ ބާކީ ތިބި ތިން މީހުން ހޯދުމަށް ޖުމުލަ 287،14 އަކަ ނޯޓިކަލް މައިލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
ކޮޅުވެއްޓިން ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތުގައި އިންޑިއަން ނޭވީގެ ހާއްސަ ފްލައިޓެއް ވެސް މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
ކޮޅުވެއްޓިން ގެއްލުނު ތިން މީހުން ހޯދުމުގައި އިންޑިއާގެ ފްލައިޓެއް ހަރަކާތްތެރިވަމުންދާއިރު، އެމްއެންޑީއެފުން ދަނީ ހުރަވީ އާއި ވައިގެ މަގުން ވެސް އެމީހުން ހޯދުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ކޮޅުވެއްޓީގައި ތިބީ ތިން ދިވެހިންނާއި ދެ ބަންގްލަދޭޝް ރައްޔިތުންނެވެ. އޭގެ ތެރެއިން ސަލާމަތްވެފައި ވަނީ ކޮޅުވެއްޓީގެ ކެޕްޓަން ރ. އަލިފުށީ އަބްދުﷲ ރަޝީދާއި ފަޅުވެރިއެއް ކަމަށްވާ ގދ. ގައްދޫ އަބްދުﷲ މޫސާ އެވެ. ނަމަވެސް މިހާރު ގެއްލިގެން ހޯދަމުންދާ ތިން މީހުންގެ މައުލޫމާތު އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެ ކޮޅުވެއްޓިއަކީ ކ. ތިލަފުށިން ފުރައިގެން ރ. ދިގިއްޔަށް ދަތުރުކުރި ކޮޅުވެއްޓިއެކެވެ. ކޮޅުވެއްޓި ބަންޑުން ޖެހިދުވަހު އެ ސަރަހައްދަށް އެހާ މޫސުން ގޯސްނޫން ކަމަށް ވެއެވެ.