ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ހޯރަ އިއްބެގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ދައުލަތުން ކުރި ދައުވާ އަށް ހޯރައިއްބެ އިންކާރު ކުރިނަމަވެސް، ފުލުހުން ގޮސް ކޮޓަރިތެރެއަށް ވަތް އިރު ހޯރައިއްބެއާ އަންހެން ކުއްޖާ އޮތީ އެނދުމަތީގައި ކަމަށާއި، އެ ދެ މީހުންގެ އަމަލުތައް ހުރިގޮތް ހެކީން ކިޔައިދީފައިވާ ކަމަށެވެ. އަދި ހެކީންގެ ހެކިބަހާއި ޝަރީއަތަށް ހުށަހަޅާފައިވާ ވީޑިއޯ އިން ފެންނަ މަންޒަރު ދިމާވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.