15 Feb 2015, 18:23
ފުލުހުންނަށް ހުށަހަޅާ ޖިނާއީ ކުދި މައްސަލަތައް އަވަހަށް ޝަރީއަތަށް ހުށަހެޅުމުގެ އުސޫލަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް 20 މައްސަލައެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބިފައިވާ އެ އޮފީހުން ބުނެފި އެވެ.
ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް ވިދާޅުވީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އަމަލު ކުރަން ފެށި އެ އުސޫލުގެ ދަށުން ހުށަހެޅުނު 20 މައްސަލައިގެ ތެރެއިން އަށް މައްސަލަ ޝަރީއަތަށް ފޮނުވާފައިވާ ކަމަށެވެ.
އާރިފް ވިދާޅުވީ ބާކީ ހުރި 12 މައްސަލައިގެ ތެރެއިން ހަތް މައްސަލައިގައި ދައުވާނުކޮށް ހިފަހައްޓާފައިވާ ކަމަށެވެ. އެ މައްސަލަތައް ހިފަހައްޓާފައި ވަނީ އެ މައްސަލަތަކުގައި ހިނެނޭ މީހުންގެ މައްސަލަ ޑްރަގް ކޯޓަށް ހުށަހެޅިފައި ވާތީ އާއި ބައެއް މީހުންނަކީ ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެފަދަ މައްސަލަތަކާ މެދު ޕީޖީ އޮފީހުން ގޮތެއް ކަނޑައަޅާނީ އެ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާ މެދު ޑްރަގް ކޯޓުން ވަކިގޮތެއް ނިންމެވުމުން،" އާރިފް ވިދާޅުވިއެވެ.
ބާކީ ހުރި ފަސް މައްސަލައިގެ ތެރެއިން ބައެއް މައްސަލަތަކުގައި އިތުރަށް ސާފު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ފުލުހުންނަށް އަނބުރާ ފޮނުވާލާފައިވާ ކަމަށާއި އަދި އިތުރު ފުރުސަތު ދިނުމުގެ އުސޫލުގެ ދަށުން އެއް މައްސަލަ ހިފެހެއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ ތަހުގީގު މަރުހަލާ އާއި ޕްރޮސިކިއުޓު ކުރުމުގެ މަރުހަލާ އަވަހަށް ނިންމާ މައްސަލަތަކަކީ ކޮބައިކަން ހާމަކޮށްދެއްވާފަ އެވެ. އެގޮތުން ދައުވާ ލިބޭ ފަރާތް އަމިއްލައަށް އިއުތިރާފުވާ މައްސަލަތަކާއި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ހެކިބަސްދީފައި ވަނީ ފުލުހުން ކަމުގައިވާ މައްސަލަތައް އޭގެތެރޭގައި ހިމެނެއެވެ.
އަދި ސާފު ބަހުން ދެ މީހަކު ހެކިބަސް ދީފައިވާ މައްސަލަތަކާއި ތުހުމަތުކުރެވޭ ފަރާތް ޔާގީން ކަމާއެކު ކަށަވަރު ކުރެވޭނެ ފޮޓޯ އަދި ވީޑިއޯ ފްޓޭޖް ލިބިފައިވުމާއެކު އިތުރު ހެކިބަސް ލިބިފައިވާ މައްސަލަތަކާއި ތުހުމަތުކުރެވޭ ފަރާތާ ގުޅޭ ފޮރެންސިކް ހެއްކާއެކު އިތުރު ހެކިބަސް ލިބިފައިވާ މައްސަލަތައް ވެސް އަވަހަށް ނިންމާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށް ހަމްދޫން ވިދާޅުވިއެވެ.
ހަމްދޫން ވިދާޅުވީ އެ ފަސް ބާވަތުގެ ތެރެއިން ފުލުހުން ހެކި ބަސްދޭ މައްސަލަތަކާއި އަމިއްލައަށް އިއުތިރާފުވާ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭތާ ތިން ދުވަހުގެ ތެރޭގައި ޕީޖީ އޮފީހަށް ހުށަހެޅުމަށް އަލަށް އެކުލަވާލި އުސޫލުގެ ދަށުން ހަމަޖެހިފައިވާ ކަމަށެވެ.
ސާފު ބަހުން ދެ މީހަކު ހެކިބަސް ދީފައިވާ މައްސަލަތަކާއި ތުހުމަތުކުރެވޭ ފަރާތް ޔާގީން ކަމާއެކު ކަށަވަރު ކުރެވޭނެ ފޮޓޯ އަދި ވީޑިއޯ ފްޓޭޖް ލިބިފައިވުމާއެކު އިތުރު ހެކިބަސް ލިބިފައިވާ މައްސަލަތަކާއި ތުހުމަތުކުރެވޭ ފަރާތާ ގުޅޭ ފޮރެންސިކް ހެއްކާއެކު އިތުރު ހެކިބަސް ލިބިފައިވާ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭތާ ހަތް ދުވަހުގެ ތެރޭގައި ޕީޖީއަށް ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އުސޫލަށް އަމަލުކުރަން ފެށުމުން ކުށްކުރުން ތަކުރާރުވުމުގެ ފުރުސަތު ކުށްވެރިންނަށް ކުޑަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންސާފު ލިބުން އަވަސް ވެގެންދާނެ ކަމަށް ވެސް ހަމްދޫން ވިދާޅުވިއެވެ.
"މިއުސޫލު ތައާރަފްވެގެން ދިޔުމުން ކުށްކުރުން ތަކުރާރު ކުރުމުގެ ފުރުސަތު ކުށްވެރިންނަށް ކުޑަވެގެންދާނެ ކަމަށް މި ގަބޫލު ކުރެވެނީ،" ހަމްދޫން ވިދާޅުވި އެވެ.