ނަސީބުވެރި ތިން ފަރާތުގެ ތެރެއިން އެއް ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ނޮވެލްޓީ ނިއުއިއާ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހު 11 ވަނަ ދުވަހާ ހަމައަށް ނޮވެލްޓީ ބުކްޝޮޕުން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި 50،000 ރުފިޔާ ލިބުނު ނަސީބުވެރިޔަކީ ރ. އަލިފުށި އެތީނާ، ޖުމާނާ މޫސާ އެވެ.

ޕްރޮމޯޝަންގެ ދެ ވަނަ ނަސީބުވެރިއަކަށް މ. ކޮކާވިލާ ރަހުމާ އިސްމާއިލް ހޮވިފައިވާ އިރު އިނާމެއްގެ ގޮތުގައި އޭނާއަށް ލިބުނީ 30،000 ރުފިޔާ އެވެ. ތިންވަނަ ނަސީބުވެރިއަކަށް ހއ. ކެލާ ގުލްދަސްތާގެ، އަބްދުﷲ ސާދިގު ހޮވުނު އިރު އިނާމެއްގެ ގޮތުގައި އޭނާއަށް ލިބިފައި ވަނީ 20،000 ރުފިޔާ އެވެ.

ލެމަންގްރާސް ރެސްޓޯރަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެ ބުކްޝޮޕްގެ ސޭލްސް މެނޭޖަރު އައިޝަތު ރަޔާހީނެވެ. ނޮވެލްޓީ ބުކްޝޮޕުން ކުރިއަށް ގެންދިޔަ ނިއުއިއާ ޕްރޮމޯޝަންގެ ދަށުން އެ ބުކްޝޮޕުން ކުރާ 200 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވެ އެވެ.

އެ ބުކްޝޮޕުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށީގެން ދަރުބާރުގޭގައި ހާއްސަ ބުކް ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށެވެ. އެ ބުކްފެސްޓިވަލްގެ ނަސީބުވެރި ފަރާތަކަށް ލިބޭ އިނާމަކީ 250،000 ރުފިޔާ އެވެ.