ދަރިވަރުންނަށް އެއްވެސް ދަތިކަމެއް ދިމާވެދާނެތީ ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާ ޖަމާލުއްދީން ހުސްކުރުން، އަންނަ ޖޫން މަހުގެ ނިޔަލަށް ފަސްކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެގޮތަށް ހަމަޖެެއްސެވީ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ކަމަށެވެ. ރައީސްގެ އެ ނިންމެވުމަކީ ޔުނިވާސިޓީގައި ކިޔަވާ ކުދިންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ކުރެއްވި ކަމެއް ކަމަށް މުއާޒު ވިދާޅުވި އެވެ. އަދި އެ ކުދިންގެ ކިޔެވުމަށް ބުރޫ އަރާނެ ފަދަ އެއްވެސް ކަމެއް ސަރުކާރުން ކުރަން ބޭނުން ނުވާ ކަމަށް މުއާޒު ވިދާޅުވި އެވެ. މުއާޒު ވިދާޅުވީ އަންނަ ޖޫން މަހުގެ ހަތަރަކުން ސާދައަށް ކޮލެޖުގެ ކިޔެވުން ނޯންނާނެ ކަމަށެވެ.

"މިހާރު އެ ދުވަސްތަކަކީ ކޮލެޖު ކުދިންގެ ސެމިސިސްޓާ ބްރޭކެއް. އެހެންވީމަ ޔުނިވާސިޓީއަށް ސަރުކާރުން މި ދިނީ އެކަށީގެންވާ މުއްދަތެއް ދެއްތޯ. އަދި އަޅުގަނޑު މި ފުރުސަތުގައި ހަމަ ފާހަގަކޮށްލަން މިއީ ދެން ޔުނިވާސިޓީ އަށް އަޅުގަނޑުމެން ދޭނެ އެންމެ ފަހުގެ ފުރުސަތު ވެސްމެ. ޖޫން މަހުގެ 14 ވަނަ ދުވަހު ކުދިން ކިިޔެވުމަށް އަނބުރާ ނުކުންނަ އިރު އެތަން ޖެހޭނީ ހުސްކޮށްފައި ބަހައްޓަން. އަދި އަލުން އެކުދިން އަންނަ އިރު އެކުދިންނަށް ކިޔެވޭނެ ތަން ވެސް ހަމަޖެހިފައި ހުންނަން ވާނީ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ރައީސް ޔާމީން އެގޮތަށް ހަމަޖެއްސެވީ ޔުނިވާސިޓީގެ ކުދިންނަކީ ސަރުކާރާ ވަރަށް ގާތުން މަސައްކަތް ކުރާ ކުދިންތަކެއް ކަމަށެވެ. އަދި މި މައްސަލާގައި ވެސް އެ ކުދިންގެ މަޝްވަރާ ސަރުކާރަށް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަން މިހެން އޮތް ކަމުގައި ވިއަސް، އަަޅުގަނޑުމެން ބުނެފައި އޮންނާނެ މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ދަރިވަރުން ބަދަލު ކުރާނެ ތަންތަނުގެ ޕްލޭނެއް ތައްޔާރުކޮށް ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމަށް. އެކަން ޔުނިވާސިޓީ އިން ކުރަން ޖެހޭނެ. ނަމަވެސް ޖީ ބްލޮކް ހުސްނުކޮށް ބޭއްވުމަކީ ސަރުކާރަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން. ހަގީގަތުގައި ޔުނިވާސިޓީއަށް ވަރަށް ވަގުތު ލިބިގެން ގޮސްފި،" މުއާޒު ވިދާޅުވި އެވެ.

ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން އަންނަ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން ރައީސް އޮފީހުން އެންގީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، ޔުނިވާސިޓީގެ ޖީ ބްލޮކް ހިންގަމުންދާ ބާ ޖަމާލުއްދީން ގައި 1،300 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށާއި އެއީ ބާ އިމާރާތެއް ނޫން ކަމަށެވެ.