މިދިޔަ މަހުގެ 28 ވަނަ ދުވަހު ވ. ރަކީދޫ، މެރިންކޯނާގައި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އުމުރުން ތިން އަހަރުގެ މުޙައްމަދު އިބްތިޙާލުގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތުއަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަަލަ ބެލުން އެ ކޮމިޓީން މަޑުޖައްސައިލައިފި އެވެ.

އެ ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު 'ސަން' އަށް ވިދާޅުވީ، އެ ކޮމިޓީގެ މަސައްކަތް މަޑުޖައްސާލީ އެމްޑީޕީން އެކަމާ ގުޅުން ހުރި ސިއްރު ލިޔެކިޔުންތައް ހާމަކޮށްފައިވާތީ އާއި މަޖިލިސް ރިސެސްގައި އޮތުމުން މެމްބަރުން ނެރެގެން މިވަގުތު ހާސިލް ކުރެވޭނެ ކަމެއް ނޯންނާނެތީ ކަމަށެވެ.

ރިޔާޒު ވިދާޅުވީ، ކޮމިޓީ ބޭއްވުމުގެ ބޭނުމަކީ އިބުތިހާލް މަރުވުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އިހުމާލުވެފައިވާތޯ ބަލައި، ބަޔަކު އިހުމާލުވެފައިވާނަމަ އެކަމެއް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް އެ މުއައްސަސާއަކަށް އެނގުން ކަމަށެވެ. އަދި މުއްސަސާތަކުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮމިޓީއަށް ހުށަހަޅާފައި ހުރި ސިއްރު ލިޔެކިޔުންތަކެއް އެމްޑީޕީގެ ރޮޒެއިނާ އެވަނީ ލީކްކޮށްލައިފައި. ކޮމިޓީއެއް ނުބޭއްވޭނެ ރޮޒެއިނާމެން ޑްރާމާ ކުޅޭކަށް. ކޮމިޓީ ބާއްވައިގެން މިދަނޑިވަޅު ހާސިިލް ވާނެ ކަމެއް ނެތް،" ރިޔާޒު ވިދާޅުވި އެވެ.

ސަރުކާރުގެ މުއައްސަސާތަކުން މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ މަޖިލީީހުގެ ކޮމިޓީ އަށް އެ މައްސަލަ ހުށަހެޅި ބަލަން ފެށުމާ އެކު ކޮމިޓީއަށް ފުލުހުންގެ އިދާރާ އިން އަދި ޖެންޑާ މިނިސްޓްރީން ވެސް ވަނީ އިބުތިހާލް މަރުގެ މައްސަލައާ ބެހޭ ރިޕޯޓް ހުށަހަޅައިފަ އެވެ.

ނަމަވެސް ރިޔާޒު ވިދާޅުވީ، އެ ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތަކެއް ހާމަކުރުމާ ގުޅިގެން ކޮމިޓީއަށް ޖަވާބުދާރީވުމަށްޓަކައި ސަރުކާރުގެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށް މިދަނޑިވަޅުގައި ހުރަސް އެޅިފައިވާ ކަމަށެވެ.

އިބުތިހާލުގެ މަރުގެ މައްސަަލައާ ގުޅިގެން ހޯދަން ޖެހޭ އިތުރު މައުލޫމާތުތައް އެބަހުރި ކަމަށާއި މިހަފްތާގައި ކޮމިޓީ ބާއްވައި ނުދެއްވައިފިނަމަ މެމްބަރުން އަމިއްލަ އަށް އެ މައުލޫމާތު ހޯދަން ކަމާ ބެހޭ މުއައްސަސާތަކަށް ދާނެ ކަމަށް ރޮޒެއިނާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮޒައިނާ ވިދާޅުވެފައި ވަނީ، އިބްތިހާލުގެ މަރުގެ މައްސަލާގައި ޖެންޑާ މިނިސްޓްރީއާ ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.