14 Feb 2011, 09:23
ޑެންގީ ހުންޖެހިގެން ފަރުވާ ދެމުންދިޔަ އިތުރު ކުއްޖަކު މިއަދު އަނެއްކާވެސް މަރުވެއްޖެ އެވެ.
އައިޖީއެމް އެޗުން މިއަދު ބުނީ ޑެންގީ ހުންޖެހުނު ކުއްޖަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު މަރުވެފައިވާ ކަމަށާއި އެއީ ފަސް އަހަރުގެ ކުއްޖެއް ކަމަށެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ޑެންގީ ހުން ޖެހިގެން މިއަދު މަރުވީ ނ. މަނަދޫ ކުއްޖެކެވެ. މަރުވެފައި ވަނީ ރ. އުނގޫފާރު ހޮސްޕިޓަލުގަ އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލު ވިދާޅުވީ ޑެންގީ ހުމުގެ ރޯގާ ކޭސްތައް މިދުވަސްކޮޅު އިތުރުވަމުން އަންނަ ކަމަށެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ވެސް ޑެންގީ ހުން ޖެހިގެން ފަސް އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.
މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޑެންގީ ހުން ޖެހޭ މިންވަރު ޖެނުއަރީ މަހުން ފެށިގެން އިތުރުވަމުންދާ ކަމަށާއި މަދިރި އާލާ ނުވާ ގޮތަކަށް މަސައްކަތް ކުރުމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް އިން ވަނީ އިލްތިމާސްކޮށްފައިވާއިރު މިއަހަރުގެ 217 މީހަކަށް ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައި ވާއިރު އޭގެ ތެރޭގައި ފަސް އަހަރުންދަށުގެ 58 ކުއްޖަކާއި ހަ އަހަރާއި 15 އަހަރާ ދެމެދުގެ 62 ކުއްޖަކާއި އަދި 15 އަހަރުން މަތީގެ 97 މީހެކެވެ.