އެމެރިކާގެ އެޕަލް ކުންފުނިން، އަމިއްލައަށް ދުވާ އިލެކްޓްރިކް ކާރެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުންޏާ ގުޅުން ހުރި ފަރާތަކު ބުނެފި އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނާގޮތުގައި ސިއްރު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދާ އެޕްރޮޖެކްޓުގެ ވާހަކަ ބުނެފައިވަނީ ޕްރޮޖެކްޓުގައި މަސައްކަތް ކުރާ ގްރޫޕްގެ މީހުންގެ ތެރެއިން މީހެކެވެ. ނަމަވެސް މައުލޫމާތު ދިން ފަރާތް ހާމަ ކުރަން އެފަރާތުން ބޭނުން ނުވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުންޏެވެ.

އެމީހާއާ ހަވާލާދީ ވޯލް ސްޓރީޓް ޖާނަލްއިން ބުނީ، އެ ޕްރޮޖެކްޓަކީ އައިފޯން ޕްރޮޑަކްޓް ޑިޒައިންގެ ވައިސް ޕްރެޒިޑެންޓް ސްޓީވް ޒެޑެސްކީގެ ބެލުމުގެ ދަށުން ކުރިއަށްދާ ޕްރޮޖެޓެއް ކަމަށެވެ.

"ޓައިޓެން"ގެ ނަމުގައި ކޯޑު ކުރެވިފައިވާ އެ ކާރު ރަމްޒުކޮށްދެނީ "މިނީވޭން" އެއް ކަމަށް އެމީހާ ބުނެފައިވެ އެވެ.

ކާރެއް އުފެއްދުމަށް ބޭނުންވާ ޓެކްނޮލޮޖީ މިހާރުވެސް އެޕަލް ކުންފުނީގައި އެބަހުއްޓެވެ. އެގޮތުން އެ ކުންފުނީގެ ފޯނަށާއި ޓެބްލެޓް އަދި ކޮމްޕިއުޓަރަށް ބެޓެރި ތައްޔާރު ކުރަނީ އެ ކުންފުނިންނެވެ. އަދި 2012 ވަނަ އަހަރު ތައާރަފުކުރި މެޕިން ސިސްޓަމް އަކީ ނެވިގޭޝަން އަށް ބޭނުން ކުރެވޭނެ ސިސްޓަމެކެވެ.

އެޕަލް ކުންފުނީގެ ބޯޑް މެމްބަރެއް ކަމަށްވާ މިކީ ޑްރެކްސްލާ 2012 ގައި ވިދާޅުވެފައި ވަނީ، އެ ކުންފުނީގެ ކޯ-ފައުންޑާ ސްޓީވް ޖޮބްސް، ކާރެއް އުފައްދަން ބޭނުންވި ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެޕަލް ކުންފުނީގެ ރިޕްރެޒެންޓޭޓިވް އެއް ވަނީ ފަހުން އެވާހަކަތައް ދޮގު ކޮށްފައެވެ.