ހޭންޑްބޯލް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި، މި އަހަރުގެ ބަޖެޓެއްގެ ގޮތުގައި ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ހެންވޭރު ބޯޅަގޭގައި ރޭ ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް ނިންމާލި ހޭންޑްބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާއާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެ އެސޯސިއޭޝަނުން ބުނީ އޭޖީއެމްގައި ރޭ ކަނޑައެޅި ބަޖެޓަކީ ޕްރޮގްރާމް ބަޖެޓެއް ކަމަށާއި، އެ ބަޖެޓު ބިނާކޮށްފައި ވަނީ މައިގަނޑު ހަ ނުކުތާއެއްގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑުމެން ބަޖެޓުގެ ގޮތުގައި ކަނޑައެޅި އަދަދަކީ މައިގަނޑު ހަ ނުކުތާއެއްގެ މައްޗަށް ބިނާކޮށްފައިވާ އަދަދެއް. އެއީ އަހަރުތެރޭ ހިންގާ ޑޮމެސްޓިކް މުބާރާތްތަކާއި، އިންޓަނޭޝަނަލް މުބާރާތްތައް އަދި ހޭންޑްބޯލްގެ ޓެކްނިކަލް ޑިވަލޮޕްމަންޓްގެ އިތުރުން އަހަރުތެރޭ ހިންގަން ރާވާފައިވާ ތަމްރީނު ޕްރޮގްރާމް ތަކާއި، އިދާރީ ބަޖެޓު އަދި ކެޕިޓަލް އެކްސްޕެންސެސް،" ސަން އަށް މައުލޫމާތުދެއްވި ހޭންޑްބޯލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އަހަރުގެ ބަޖެޓު، އެ ހަ ނުކުތާގެ މައްޗަށް ބިނާވެފައި ވާއިރު، އެ އެސޯސިއޭޝަނުން ބުނީ ކެޕިޓަލް އެކްސްޕެންސަސް ބަޖެޓުގެ ތެރޭގައި ހިމަނާފައި ވަނީ ހޭންޑްބޯލްގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އަދިވެސް ރަސްމީ ތަނެއް ހަމަޖެހިފައި ނުވުމުގެ އިތުރުން، އިދާރީ ކަންކަން ހިންގުމަށްވެސް އަދި އެ އެސޯސިއޭޝަނަށް ރަސްމީ ތަނެއް ކަނޑައަޅާފައި ނުވުން ފަދަ ދަތިތައް ހުރުމުން ކަމަށެވެ.

ހޭންޑްބޯލް އެސޯސިއޭޝަންގެ އޮފިޝަލް އިތުރަށް ވިދާޅުވީ މި އަހަރު ތެރޭ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައި ވާކަމަށާއި، ނަމަވެސް އެ ހަރަކާތްތައް ހިންގޭނީ އޭޖީއެމްއިން ފާސްވެގެން ދިޔަ ބަޖެޓު ސަރުކާރާއި އިންޓަނޭޝަނަލް ހެންޑްބޯލް ފެޑަރޭޝަންގެ އިތުރުން ސްޕޮންސަރުންގެ އެހީތެރިކަމާއެކު ލިބުމުން ކަމަށެވެ.

ބަޖެޓް ފާސްކުރުމުގެ އިތުރުން ރޭ ބޭއްވި ހޭންޑްބޯލް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވަނީ މި އަހަރުގެ އެކްޓިވިޓީ ކަލަންޑަރު ފާސްކޮށް، އެންމެ ފަހުން ބޭއްވި ހޭންޑްބޯލް އެސޯސިއޭޝަންގެ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސްގެ އަސާސީ ގަވައިދުގެ ނުކުތާއަކަށްވެސް އިސްލާހު ގެނެސްފައެވެ.

ރޭ ބޭއްވި ހޭންޑްބޯލް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ހުރިހާ ބޭފުޅުންގެ އިތުރުން، ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ކައުންސިލް އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ މެންބަރު ކްލަބްތަކުގެ ރެޕްރެޒެންޓޭޓިވްސް އާއި މިނިވަން މެންބަރުންވެސް ބައިވެރި ވެފައި ވެއެވެ.