15 Feb 2015, 15:46
އައްޑޫ ސިޓީ ހިތަދޫގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ޒަޚަމްވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ، ހިތަދޫގައި ހުންނަ ބޭންކް އޮފް މޯލްޑްސް ބްރާންޗު ކައިރީގައި މިއަދު މެންދުރު 1:30 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި ޒަޚަމްވެފައިވަނީ ސައިކަލް ދުއްވަން އިން މީހާ ކަމަށެވެ.
އެ މީހާ އަށް ފަރުވާ ދިނުމަށްޓަކައި ހިތަދޫ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ މީހާގެ ފައިގެ ކުޑަހުޅުން ނެއްޓި އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 57 އަހަރުގެ ފިރިހެނެކެވެ. އެ އެކްސިޑެންޓް ހިނގީ ބާރުސްޕީޑުގައި ލިންކް ރޯޑުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮހެވެ. އަދި އެކްސިޑެންޓްގައި ކާރުގައި އިންމީހާ އަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައި ނެތް ނަމަވެސް އެ ކާރަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.