"އަނިޔާއާ ދެކޮޅަށް" ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން މަދަދުވެރިން ހަރަކާތުގެ ނަމުގައި އަންނަ ހުކުރު ދުވަހު ބާއްވާ "ބޮޑު ހިނގާލުމުގައި" ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ހަރަކާތުން ގޮވައިލައިފި އެވެ.

އެ ހަރަކާތުގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު މިއަދު 'ސަން' އަށް ވިދާޅުވީ ހުކުރު ދުވަހު ބާއްވާ ބޮޑު ހިނގާލުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ ހަރަކާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެ ދުވަހުގެ ހިނގާލުމުގައި ވަކި ޕާޓީއެއް ވަކި ދާއިރާއެއް ނުބަލައި ދިވެހި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ވެސް އެ ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.

މަދަދުވެރިންގެ ހަރަކާތުން އިއްޔެ ހަވީރު ވެސް ވަނީ މާލޭގައި އެއްވުމެއްބާއްވައިފަ އެވެ. އެ އެއްވުމުގައި މިދިޔަ މަހު 28 ވަނަ ދުވަހު ވ. ރަކީދޫ، މެރިންކޯނާގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިޙާލު،3،ގެ ފޮޓޯ އާ އެކު ގިނަ ބަޔަކު ވަނީ ފޮޓޯ ނަގައިފަ އެވެ.

މަދަނީ ހަރަކާތުން ބުނީ އިއްޔެގެ އެ އެއްވުމުގެ ބޭނުމަކީ ސަރުކާރުގެ މުއައްސަސާތަކުން އިހުމާލުވެފައިވާ މިންވަރު ބެލުމަށް މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަަ ލަސްވަމުންދާތީ އެކޮމިޓީގެ މަސައްކަތް ވީހާ ވެސް އަވަސް ކުރުމަށް ބާރު އެޅުން ކަމަށެވެ.