15 Feb 2015, 14:26
ބަށިބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސް (ބީއެފްއެމް)އިން އިންތިޒާމް ކޮށްގެން ގއ. އަދި ގދ. އަތޮޅުގައި ބަށިބޯޅައިގެ އަންޕަޔަރުން ތަމްރީނު ކުރުމުގެ ކޯހަކާއި މައުލޫމާތު ދިނުމުގެ ވޯކްޝޮޕްތަކެއް ހިންގައިފި އެވެ.
ބީއެފްއެމްއިން މައުލޫމާތު ދިން ގޮތުގައި މި މަހުގެ 12، 13 އަދި 14 ވަނަ ދުވަހު ގދ. ތިނަދޫގެ ހަވަރު ސްޕޯޓްސްއާ ގުޅިގެން އެ ރަށުގައި ވަނީ އަންޕަޔަރު ޓްރެއިނިންގް ކޯހެއް ހިންގާފައެވެ. އަދި ބައިވެރިވުމަށް ހުޅުވާލި ހިލޭ ފުރުސަތުގައި 30 ފަރާތަކުން އެ ކޯހުގައި ބައިވެރިވެފައި ވާކަމަށްވެސް ބީއެފްއެމްއިން މައުލޫމާތު ދިނެވެ.
އެ ކޯހުގެ އިތުރުން ގއ. ހޯޑެއްދޫގައި މިމަހުގެ 5، 6 އަދި 7 ގައި ހިންގި އަންޕަޔަރު ޓްރެއިންނިގް ކޯސްވެސް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައި ވާކަމަށް ބީއެފްއެމްއިން މައުލޫމާތު ދެއެވެ. އަދި އެ ކޯސް ފުރިހަމަ ކުރި 18 ބައިވެރިންގެ އިތުރުން، ރޭ ބޭއްވި ހަފްލާއެއްގައި 48 ފަރާތަކަށް ބީއެފްއެމްގެ ސެޓްފިކެޓް ހަވާލުކޮށްފައި ވާކަމަށް ބީއެފްއެމްއިން މައުލޫމާތު ދިނެވެ.
ބީއެފްއެމްއިން މިއަދު ބުނީ ގއ. އަދި ގދ. ހިސާބުގައި ބަށިބޯޅައިގެ އޮފިޝަލްކަން ކުރުމަށް ވަރަށް ގިނަ ފަރާތްތަކަކުން ޝަރުގުވެރިކަން ފާޅު ކޮށްފައި ވާކަމަށާއި، ބަށިބޯޅަ ފައުންޑޭޝަނުން ކަނޑައަޅާފައިވާ ގަވައިދުތަކަށް އަހުލުވެރި ވުމަށް ވަރަށް ގިނަ ފަރާތްތަކަކުން އެދިފައި ވާކަމަށެވެ.
ގއ. އަދި ގދ. އަތޮޅުގައި ބީއެފްއެމްއިން ހިންގި ހަރަކާތްތަކަށް އެ ރަށްރަށުގެ ކައުންސިލް ތަކުގެ އިތުރުން ޖަމިއްޔާތަކާއި ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުން ބޮޑު ތަރުހީބެއް ލިބިފައި ވާކަމަށާއި، އެކަންކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށްވެސް ބީއެފްއެމް އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ގދ. އަތޮޅުގައި ވަރަށް ފުރިހަމަ އިންތިޒާމް ތަކަކާއި އެކު ޒޯން މުބާރާތެއް ވަރަށް އަވަހަށް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށްވެސް ބީއެފްއެމް އިން ވަނީ މައުލޫމާތު ދީފައެވެ.