ނިއުޒިލޭންޑް ގޮނޑުދޮށަށް ހުކުރު ދުވަހު ބީހުނު 200 ވަރަކަށް ޕައިލެޓް ވޭލް ނޫނީ ބޮޑު މަހުގެ ތެރެއިން 60 މަސް ފުންކޮށް ކަނޑަށް ދޫކޮށްލައިފި އެވެ.

ވޭލްތައް ކަނޑަށް ފުން ކުރި މީހުން ބުނީ އެ ސޮރުމެންގެ ސިއްހަތު ރަނގަޅު ކަމަށާއި އަނެއް 140 ވޭލް މަރުވެފައިވާ ކަމަށެވެ.

އިއްޔެ ހަވީރުގެ ބޮޑުދިޔާގައި އެ ސޮރުމެން ކަނޑަށް ދޫކޮށް ސަލާމަތް ކުރެވެންދެން އެ ސޮރުމެންނަށް އެހީތެރިވުމަށް ކޮންސަވޭޝަން ޑިޕާޓްމެންޓްގެ މުވައްޒަފުންނާއި 400 ވަރަކަށް ވޮލަންޓިއަރުން ވަނީ ހަރަކާތްތެރިވެފަ އެވެ.

ލީޑް ކުރާ ވޭލްތައް ބޭރަށް ނެރެ ދޫކޮށްލުމުން ދެން ތިބި ވޭލްތައް ވަނީ އެ ސޮރުމެންގެ ފަހަތުން ފަތާފައި ބޭރަށް ގޮސްފަ އެވެ.

"އަހަރުންގެ މީހުން ދިޔައީ އެ ސޮރުމެންގެ ފަހަތުން ބަލަމުން، ބޭރަށް ދަންދެން، އެ ސޮރުމެން ދިޔައީ ރަނގަޅު މިސްރާބަށް،" ކޮންވަސޭޝަން ޑިޕާޓްމަންޓްގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ގާޑިއަނުން ބުންޏެވެ. އަދި ރޭގަނޑު އެއްކޮށް ވޭލްތައް ވަނީ މޮނިޓާކޮށްފަ އެވެ.

ފަނަރަ އަހަރުގެ ތެރޭގައި މި އަދަދަށް ބޮޑުމަސް ގޮނޑުދޮށަށް އެރި މިއީ ފުރަތަމަ ފަހަރެވެ.

ވިހި ފޫޓަށް ބޮޑުވާ ޕައިލެޓް ވޭލަކީ ނިއުޒިލޭންޑްގެ ކަނޑުގައި އެންމެ ގިނަ އަދަދަކަށް އުޅޭ ޖަނަވާރެވެ.