15 Feb 2015, 14:16
އިނގިރޭސި އެފްއޭ ކަޕްގައި އިއްޔެ ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލިވަޕޫލް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭ ކްރިސްޓަލް ޕެލެސްގެ ހޯމް ސްޓޭޑިއަމް ސެލްހާސްޓް ޕާކްގައި ކުޅުނު އެ މެޗުގައި ކްރިސްޓަލް ޕެލެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ލިވަޕޫލް މެޗު ރަނގަޅު ފޯމެއްގައި ފަށައި، ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، މެޗުގެ ލީޑު ފުރަތަމަ ނެގީ ކްރިސްޓަލް ޕެލެސް އެވެ.
ކްރިސްޓަލް ޕެލެސްގެ ޑޭން ނަގައިދިން ބޯޅައަކުން ގޭލް ފޮނުވާލި ބާރު ޝޮޓު ލިވަޕޫލްގެ ކީޕަރު މިގްނޮލެޓް ދިފާއު ކުރިއިރު، ރިބައުންޑް ބޯޅައިގެ ބޭނުން ހިފައި، ކްރިސްޓަލް ޕެލެސްގެ ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފްރައިޒާ ކޭމްޕްބެލް އެވެ. ކްރިސްޓަލް ޕެލެސްގެ ލީޑާއެކު ލިވަޕޫލުން ކުރިއަށް ޖެހިލައި، ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ.
ކްރިސްޓަލް ޕެލެސް ލީޑު ނެގިތާ ހަ މިނެޓުތެރޭ ލިވަޕޫލްގެ ލަލާނާ އުފެއްދި ހަމަލާގެ ހުރަހަކަށް ވީ ޕެލެސްގެ ކީޕަރު ސްޕެރޯނީ އެވެ. އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރަމުން ދިޔަ ލިވަޕޫލް ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅެމުން ދިޔަ ނަމަވެސް، އެ ޓީމަށް ވަނީ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތް ނުވެފައެވެ.
ފުރަތަމަ ހާފްގެ ފަހު ވަގުތު ކޮޅު ކައުންޓާގައި ޕެލެސްގެ ގޭލް ފޮނުވާލި ބާރު ޝޮޓު ހުނަރުވެރި ކަމާއެކު ދިފާއު ކޮށް، ލިވަޕޫލްގެ ކީޕަރު މިގްނޮލެޓް ވަނީ ޕެލެސްގެ ލީޑު ޑަބަލްވިޔަ ނުދީ ހިފައްޓާފައެވެ. އަދި މެޗުގެ ފުރަތަމަ ހާފްވެސް ނިމިގެން ދިޔައީ ޕެލެސް ކުރީގައި އޮވެގެނެވެ.
ލިވަޕޫލަ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފް ފެށިތާ ހަތަރު މިނެޓުތެރޭ ހެންޑަސަން ނެގި ހުރަހަކުން ލިވަޕޫލްގެ ޑެނިއަލް ސްޓަރިޖް ކާމިޔާބު ކުރި ލަނޑުންނެވެ. އެ ލަނޑާއެކު ޕެލެސް އުފެއްދި ހަމަލާގައި އެ ޓީމަށް ވިދިވިދިގެން ތިން ކޯނަރު ލިބުނު އިރު، ޕެލެސްގެ ގޭލް ފޮނުވާލި އެއް ހަމަލާގެ ހުރަހަކަށް އަނެއްކާވެސް ވީ ލިވަޕޫލްގެ ކީޕަރު މިގްނޮލެޓް އެވެ.
ލިވަޕޫލަށް މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނެގުނީ 58 ވަނަ މިނެޓުގައެވެ. ލިބުނު ހިލޭ ޖެހުމަކުން ބަލެޓޮލީ ފޮނުވާލި ބޯޅަ ޕެލެސްގެ ކީޕަރު އަތުން ދޫވުމުން، އެ ބޯޅައިގެ ބޭނުން ހިފައި ލިވަޕޫލަށް ލީޑު ހޯދަދިނީ ލަލާނާ އެވެ. ލިވަޕޫލްގެ ލީޑާއެކު ޕެލެސް ކުރިއަށް ޖެހިލައި ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ.
ދެވަނަ ހާފްގެ ފަހު ވަގުތުކޮޅު ބޯޅަ ހިފައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކީ ލިވަޕޫލް އެވެ. އިތުރު ލަނޑެއް ކާމިޔާބު ކުރަން އެ ޓީމް ކުރި މަސައްކަތް ނާކާމިޔާބު ވިނަމަވެސް، މެޗު ނިމިގެން ދިޔައީ އެއް ލަނޑުގެ ލީޑަކާއި އެކު ލިވަޕޫލް ކުރީގައި އޮވެގެނެވެ.