އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ދެބޭފުޅުން ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ޓްވީޓްކުރައްވަމުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ސައްޔިދު އަކުބަރުއްދީން ވިދާޅުވެފައި ވަނީ ދެގައުމުގެ ގުޅުމަށް 50 އަހަރު ފުރޭ އިރު ގުޅުން ވަރުގަދަ ކުރާނެ ކަމަށެވެ.

އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ބިނާކުރަނިވި މަޝްވަރާތަކެއް ދެބޭފުޅުން ކުރެއްވި ކަމަށެވެ.

ނަމަވެސް ދެބޭފުޅުންގެ ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް ދެސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ފޮރިން މިނިސްޓަރު ދުންޔާ އިންޑިއާއަށް ވަޑައިގެންފައި މިވަނީ ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަމެއް އޮތް ކަމަށް އަޑުތަކެއް ފެތުރިފައިވާ ދުވަސްވަރެއްގައެވެ. އެގޮތުން ރާއްޖެއާއި ޗައިނާއާއި ދެމެދު ސޮއިކޮށްފައިވާ މެރިޓައިމް ސިލްކްރޯޑް އެއްބަސްވުމަކީ ސަރަހައްދީ ސަލާމަތަށް ގެއްލުމެއް ވެދާނެ ކަމެއް ކަމަށް އިންޑިއާއިން ދެކޭ ކަމަށް ވާހަކަ ފެތުރިފައި ވެއެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް އަދި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ނުކުރައްވައެވެ. ނަމަވެސް މީގެ ކުރިން ސީޝެލްސްއަށް ވަޑައިގެންނެވި މަގުމަތީގައި އެކަމަނާ ރާއްޖޭގައި މަޑުކޮށްލެވި އެވެ.