15 Feb 2015, 13:56
މިއަދުން ފެށިގެން މިހަފްތާގެ ނިޔަލަށް ޝަރީއަތްތައް މެދުކަޑާލަން ސިވިލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ފާސްކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން މިއަދު ނިންމި ނިންމުމުގައި ވަނީ އެގޮތަށް ހަމަޖައްސާފައި ވަނީ ސުޕްރީމް ކޯޓުން އެކޯޓުގައި ގާއިމްކޮށްފައިވާ ފަސް ޑިވިޝަންގެ މަސައްކަތް ތަރުތީބުކޮށް އިދާރީ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކަމަށެވެ.
ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން ފަސްކުރިކަމުގައި ވިޔަސް މައްސަލަ ބަލައިގަތުމުގެ އިދާރީ މަސައްކަތް ކުރިއަށް ދާނެކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.
ސިވިލް ކޯޓުގައި ގާއިމުކޮށްފައިވާ ފަސް ޑިވިޝަންގެ ތެރޭގައި ހިމެނޭ މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނާއި މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނާއި އިދާރީ މައްސަލަތައް ބަލާ ޑިވިޝަން އަދި އިދާރީ ސެކްޝަނާއި، އައިޓީ ސެކްޝަން ހިނގަމުންދާނީ ޖަސްޓިސް ބިލްޑިންގްގެ ހަތަރު ވަނަ ފަންގިފިލާގައި ކަމަށް ގާޒީންގެ އާންމު މަޖިލީހުން މިއަދު ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން ޑިސްޕިއުޓް ރިޒޮލިއުޝަންއާބެހޭ ޑިވިޝަނާއި ހުކުމް ތަންފީޒުކުރުމާ ބެހޭ ޑިވިޝަން، އަދި ރަޖިސްޓްރާގެ ސެކްޝަނާއި ރަޖިސްޓްރޭޝަން ސެކްޝަނާއި ރަށްރަށު ކޯޓުތަކާބެހޭ ސެކްޝަނާއި ސްޓޮކް އެންޑް ޕްރޮކިއުމަންޓް ސެކްޝަނާއި ރިޕޯޓް ސެކްޝަން (ޕޫލް) އަދި ފައިސާއާބެހޭ ސެކްޝަން ހިނގަމުންދާނީ ތީމުގޭ އުތުރުން ހުންނަ ސިވިލް ކޯޓުގެ އިމާރާތުގައި ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އިދާރީ ގޮތުން އިންތިޒާމުކުރަންޖެހޭ ކަންތައްތައް ކުރުމަށް މަގުޗާޓެއް އެކުލަވާލައި އެ މަގުޗާޓުގައިވާ ގޮތުގެމަތިން ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވެސް ގާޒީންގެ އާންމު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.