ޤާހިރާ : މިސްރުގެ ވެރިކަން ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ ސިފައިންގެ އެންމެމަތީ މަޖިލީހުން އެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ދެގެކަމަށްވާ އައްޝަޢަބާއި އައް ޝޫރާ އުވާލައި ޤާނޫނު އަސާސީއަށް ޢަމަލުކުރުން ހުއްޓާލައިފިއެވެ.

ސިފައިންގެ އެންމެމަތީ މަޖިލީހުން ނެރުނު ބަޔާނެއް ބުނިގޮތުގައި އެމަޖިލީހުން މިސްރުގެ ވެރިކަން ކުރަމުންގެންދަނީ ވަގުތީގޮތުން 6 މަސްދުވަހުގެ މުއްދަތަށެވެ. ނޫނީ އިންތިޚާބެއް ބާއްވައިގެން ރައީސަކު އިންތިޚާބު ކުރެވެންދެނެވެ. ސިފައިންގެ އެންމެމަތީ މަޖިލީހުގެ ވެރިއަކީ ކުރީގެ ދިފާޢީ ވަޒީރު އަދި މިހާރުގެ ކޮމާންޑިންގ ޖެނެރަލް ކަމަށްވާ މާޝަލް މުޙައްމަދު ޙުސައިން ތަންތާވީއެވެ.

މިމަޖިލީހުން ނެރުނު ބަޔާނެއް ބުނިގޮތުގައި ރައްޔިތުން ބޭނުންވާ އިސްލާޙްތައް ޤައުމުގެ ދަސްތޫރަށް ގެނަސް ދަސްތޫރާމެދު ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންގެ މެދުގައި ނަގައި ހުރިހާ ޕާޓީތަކެއް ހިމެނޭގޮތަށް ދިމުޤްރާތީ އިންތިޚާބެއް ބާއްވައިގެން ޕާލަމެންޓްގެ މެންބަރުންނާއި ޤައުމުގެ ރައީސަކު އިންތިޚާބުކުރުމުގެ ފުރްސަތު އެމަޖިލީހުން ރައްޔިތުންނަށް ފަހިކޮށްދޭނެއެވެ. އަދި މުބާރަކްގެ ވެރިކަމުގައި އޮތް ޖެނެރަލް އަހްމަދު ޝަފީޤުގެ ސަރުކާރު، ޤައުމުގެ ކަންތައްތައް ވަގުތީ ގޮތުން ބަލަހައްޓާ ސަރުކާރުގެ ގޮތުގައި މިމުއްދަތުގައި ހަރަކާތްތެރިވާނެ ކަމަށްވެސް ސިފައިންގެ އެންމެމަތީ މަޖިލީހުން އެންމެފަހުން ނެރުނު ބަޔާން ބުނެއެވެ.

ވަގުތީ ބޮޑުވަޒީރު އަހްމަދު ޝަފީޤު ވިދާޅުވިގޮތުގައި ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި ޖެނެރަލް ޢުމަރު ސުލައިމާން އަދާކުރައްވާނެ ދައުރެއް ސިފައިންގެ އެންމެމަތީ މަޖިލީހުން ވަރަށް އަވަހަށް ކަނޑައަޅާނެއެވެ. -- ބީބީށީ