ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލްގައި ހިމެނޭ ޕްރޮވިންސް އުފެއްދުމާ ބެހޭ ބައިތައް އުނިކޮށް، ގައުމީ އިދާރާތަކާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުމުގެ ނަމުގައި އިތުރު ޗެޕްޓަރެއް ހިމަނައިފި އެވެ.


ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ޕްރޮވިންސްތަކެއް އުފެއްދުމަށް ބާރުއަޅައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ބިލް ދިރާސާކުރާ 11 މެމްބަރުންގެ ވަގުތީ ކޮމިޓީން، ޕްރޮވިންސް އުފެއްދުމާ ބެހޭ ބައިތައް އުވާލީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕްރޮވިންސް އުފެއްދުމާ ބެހޭ ބައިތައް، ބިލުން އުނިކުރުމަށް ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހެޅުއްވުމުން ތާއީދު ކުރެއްވީ ހަމަ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދެވެ. އެބައި ބިލުގައި މިބައި އޮތުމަށް ވަކާލާތު ކުރައްވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް މެންބަރަކު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންފައެއްނުވެ އެވެ. މި ކޮމިޓީގައި ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ، އަލީ ވަހީދާއި އިލްހާމުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒާއި، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހިމެނިވަޑައިގަންނަވާއިރު އެމްޑީޕީގެ ފަރާތުން ހިމެނިވަޑައިގަންނަވަނީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރާއި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރާއި މަހިބަދޫ ދާއިރާގެ މެމްބަރު ރުގިއްޔާ މުހައްމަދެވެ. އަދި ޕީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ގައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހަސަން އާދިލްގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުން ހިމެނިވަޑައިގަންނަވަނީ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ.


މިއަދުގެ ބައްދަލުވުން ކުރިއަށްދިޔައިރު މެންބަރުންގެ މެދުގައި އެންމެ ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދުނީ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު އެވެ. ބައެއް މެންބަރުން ވިދާޅުވީ ބިލުގެ މަސައްކަތް ކުރިއަށްދާލެއް ލަސްކަމަށެވެ. އަދި ބިލުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި ބިލުގައި އަންހެނުންގެ ކޮމިޓީތައް ހިމެނުމާ ބެހޭގޮތުން ވެސް ހިޔާލުތަފާތުވުންތައް އުފެދުނެވެ. ބައެއް މެންބަރުން ވިދާޅުވީ، ކައުންސިލްތައް އުފެދިގެން އަންނައިރު އެ ކައުންސިލްތަކަށް ވާދަކުރުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ހުޅުވިފައިވާއިރު އަންހެނުންނަށް ގާނޫނީ ބާރު ލިބިދޭ ވަކި ކޮމިޓީތަކެއް އޮތުމަކީ ކައުންސިލްގެ މަސައްކަތްތަކާ ފުށުއެރުމެއް އުފެދި ރަށްރަށުގައި އިތުރު ބައިބައިވުންތަކެއް އުފެދިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ ކޮމިޓީއަކީ އަންހެނުންގެ ތަރައްގީއަށް ކޮންމެހެން އޮންނަންޖެހޭ ކޮމިޓީއެއް ކަމަށް ބައެއް މެންބަރުން ވިދާޅުވެ އެ ކޮމިޓީ ބިލުގައި ހިމެނުމަށް ފާސްކުރި އެވެ.


ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލަކީ ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގައި އެންމެ ހޫނު ގަދަކޮށް ބަހުސްކުރެވުނު އެއްބިލެވެ. މަޖިލީހުގައި މި ބިލުގެ ބަހުސް ކުރިއަށްދިޔައިރު އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔައީ 20 އިދާރީ ދާއިރާގެ ވާހަކަ ގާނޫނު އަސާސީގައި ބުނެފައިވަނީ 20 އަތޮޅަށް ނިސްބަތްކޮށް ކަމަށެވެ. އެހެންކަމުން ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލުމަށް ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފްކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް އިތުރު ބާރުތައް ދިނުމަށް ކަމަށް ބުނެ ސަރުކާރުން އެފަދަ ގޮތަކަށް ބިލުގައި ހިމަނާފައި ވަނީ ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުން އިތުރަށް ބިކަކުރުމަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ބިލްގައި ހިމެނޭ ޕްރޮވިންސް އުފެއްދުމާ ބެހޭބައި ދިފާއުކުރައްވައި މަޖިލީހުގައި ވާހަކަ ދައްކަވައިފަ އެވެ.