15 Feb 2015, 13:35
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަނުމުގެ ތެރޭގައި ނާޒިމްގެ އަނބިކަނބަލުންނަށާއި ދަރިކަނބަލުންނަށް އަނިޔާވިކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވެފައިވަނީ "ޓީމް ނާޒިމް"ގެ ނަމުގައި ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ، މޯލްޑިވްސް ޕޮލިސް ސާވިސްގެ "މީހުން ދިރިއުޅޭ ތަންތަނާއި ގޯތިގެދޮރު ބަލައި ފާސްކުރުމާއި ބެހޭ ފޯމް" އިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ، އެ ޑޮކިއުމަންޓަކީ ސައްހަ ޑޮކިއުމަންޓެއް ކަމަށެވެ.
އެ ފޯމްގައި ބުނެފައިވަނީ ގ. އެނިފްއަށް ފުލުހުން ވަދެ ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި އެގޭ މައިދޮރަށާއި އެގޭގެ އެޕާޓްމަންޓް 8ބީއަށް ވަންނަ ދޮރަށާއި އެ އެޕާޓްމަންޓްގައި ހުރި ތިން ކޮޓަރީގެ ތެރެއިން ދެ ކޮޓަރީގެ ދޮރަށާއި އެއް ކޮޓަރީގެ ފާހާނާއަށް ވަންނަ ދޮރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން އެގޭ ކޮޓަރިއަކަށް ފުލުހުން ވަންނަން އުޅުމުގެ ތެރޭގައި އެގޭ ކޮޓަރިއެއްގެ ތެރޭގައި ހުރި މ. ސީނުކަރަންކާގެ އައިޝަތު ލުހާ ނާޒިމްގެ އަތުގެ އިނގިއްޔަކަށް އަނިޔާވެފައިވާ ކަމަށާއި އަދި އެ އެޕާޓްމަންޓްގެ އެހެން ކޮޓަރިއަކަށް ވަނުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ގ. އެނިފް، އަފާފް އަބްދުލް މަޖީދުގެ ފަޔަށް ގެއްލުންވެފައިވާ ކަމަށް ވެސް އެ ފޯމްގައި ބުނެފައިވެ އެވެ.
ނާޒިމް ދިރިއުޅުއްވާ ގ. އެނިފް އަށް މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ވަދެ އެގެ ބަލައިފާސްކުރުމުގެ ތެރޭގައި އެގޭ ތެރެއިން ފިސްތޯލައަކާއި ތިން ވަޒަނާއި އެއް މެގަޒިން އަދި އެ ފިސްތޯލަ ބޭނުންކުރުމާ ބެހޭ މައުލޫމާތު ހިމެނޭ ޕެންޑްރައިވެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.