15 Feb 2015, 13:22
ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދުކުރާ ގޯޅިތަކަށް ރޭގަނޑުގެ ދަންވަރު ވަކި ގަޑިޔަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން ހެންވޭރު ރަތްވިލާމަގާއި ހީނާގޯޅި މިއަދު ބަންދުކޮށްފައިވާއިރު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ގޯޅިތަކަކީ ފިހާރަތަކާއި ގުދަންތައް ހުންނަ މަގުތަކަށް ވުމުން އެސަރަހައްދުތަކަށް ރޭގަނޑުގެ ވަކި ވަގުތެއްގައި ވަކި ގަޑިއިރަކަށް އުޅަނދުތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިވަގުތު މަގުތައް ބަންދުކޮށްފައިވާ ގޮތާއި ހިލާފަށް، ބޭނުން އިރެއްގައި އެމަގުތައް ހުޅުވޭގޮތަށް މަގުބަންދުކުރާ ވަސީލަތް ހަމަޖައްސާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވަކި ގަޑިތަކެއްގައި ވަކި ކަހަލަ އުސޫލެއްގެ މަތިން އެކްސަސް ވެވޭ ކަހަލަ ގޮތަކަށް މަގުތައް ބޭނުންކުރެވިގެންދާނެ ގޮތަކަށް ބަދަލުކުރެވޭނެ، އެއީ ރޭގަނޑުގެ ވަކި ގަޑިއެއްގައި. އާންމުކޮށް މީހުން ނުކުމެ ނޫޅޭ ގަޑިޔަކަށް ބަލާނީ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިއަދު ދެ ގޯޅިއެއް ބަނދުކޮށްފައިވާއިރު ހައުސިން މިނިސްޓްރީގެ ޓައިމްލައިންގައި ވާގޮތުން މާލޭގެ 11 ގޯޅި/މަގު އަންނަ ޖޫން މަހުގެ އަށްވަނަ ދުވަހުގެ ކުރިން ބަންދުކުރާނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެގޯޅިތަކާއި މަގުތައް ވެހިކަލް ވެއްދުން މަނާކުރާއިރު އެ ގޯޅިތަކުގައި ވެހިކަލް ޕާކުކުރާ މީހުންނަށް ވެހިކަލް ޕާކުކުރުމަށް ހާއްސަ ޕާކިން އޭރިއާތަކެއް ގާއިމްކޮށް ސްޓިކާ ދޭނެ އެވެ. އެ ސްޓިކާ ދާދި އަވަހަށް ދެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި ހިނގާފައި އުޅޭގޮތަށް ކަނޑައެޅުމަށް ހަމަޖެހިފައިވާ މަގުތަކާއި ގޯޅިތަކުގެ ޕްލޭން ތަންފީޒުކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ޓައިމްލައިންގައިވާ ގޮތުން ހެންވޭރު ކޮށީގައިި މިނިސްޓްރީން ބަންދުކުރަން ހަމަޖައްސާފައިވާ މަގުތައް އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ބަންދުކުރެވޭނެ އެވެ.
އެގޮތުން، އެކެއް މާޗުގައި ހެންވޭރު ލަންސިމޫ ގޯޅި އާއި ވައިޖެހޭ މަގު (ހުޅަނގުން އިރަށް) ބަންދުކުރަން ހަމަޖެހިފައިވާއިރު، އަންނަ މަހުގެ 15 ގައި ހެންވޭރު ވައިޖެހޭ މަގު (އުތުރުން ދެކުނަށް) ބަންދުކުރާނެ އެވެ. އަދި 29 މާޗުން ފެށިގެން ހެންވޭރު ބޮޑުފުންގަނޑު މަގު (މަޖީދީމަގާއި ދުނބުގަސްމަގާއި ދެމެދު) އަކަށް ވެހިކަލަކަށް ނުވަދެވޭނެ އެވެ.
މީގެ އިތުރުން، އޭޕްރިލް މަހުގެ 12 ވަނަ ދުވަހު މަންޗަންގޮޅި ދިލްކުޝާ ގޯޅި (ކެނެރީމަގާއި ޗާންދަނީމަގާ ދެމެދު) އާއި 26 އޭޕްރިލްގައި މާފަންނު ފަރީދީ ހިނގުން (ފަރީދީ މަގާއި ކެނެރީމަގާއި ދެމެދު) ބަންދުކުރާނެ އެވެ.
މެއި 10 ވަނަ ދުވަހު ހެންވޭރު/މަންޗަންގޮޅި ކެނެރީ މަގު (ޗާންދަނީ މަގާއި ނަރުގިސްގޯޅިއާއި ދެމެދު) އާއި 24 މެއި ގައި ޒަމާނީ ގޯޅި (ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމާއި މަޖީދީމަގާއި ދެމެދު) ބަންދުކުރާއިރު، ޖޫން މަހުގެ އަށް ވަނަ ދުވަހު މަންޗަންގޮޅި ޖަވާހިރު ގޯޅި އަށް (ކާމިނީ މަގާއި މާވެޔޮ މަގާއި ދެމެދު) ވެހިކަލް ވަނުން މަނާކުރެވޭނެ އެވެ.