މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު މި އަހަރު ޖެނުއަރީ މަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު 10 ޕަސެންޓް ދައްވެ، ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު އެއް ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ޖެނުއަރީ މަހުގެ އިމްޕޯޓް/ އެކްސްޕޯޓް ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުސްވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 2677.9 މިލިއަން ރުފިޔާގެ މުދަލެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ވަނީ 2641.5 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފަ އެވެ. އަދި ވޭތުވެދިޔަ ޖެނުއަރީ މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު ވަނީ 10 އިންސައްތަ ދަށްވެފަ އެވެ.

ހުސްވި ޖެނުއަރީ މަހު ރާއްޖެއަށް ކުރެވުނު އިމްޕޯޓް އިތުރުވި ނިސްބަތް ދަށްވެފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި ތެލުގެ ބާވަތްތަކުގެ ސީއައިއެފް އަގާއި ކުއަންޓިޓީ ދަށްވެފައި ވާތީ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އެއީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް ދަށްވެފައިވާތީކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހާ އަޅައިބަލާއިރު މިއަހަރު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު އިތުރުވެފައިވާ އިރު އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކަށެވެ. އެގޮތުން 488.8 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވާ އިރު ދެވަނައަށް އެންމެބޮޑު ހޭދައެއް ކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސް އަށެވެ. ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތްތަކަށެވެ.

ނިމިގެން ދިޔަ ޖެނުއަރީ މަހު ކަސްޓަމްސް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރު ހަ ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު އާމްދަނީގެ ގޮތުގައި 149.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއަހަރު ޖެނުއަރީ މަހު މި އަދަދުވަނީ 159.1 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ހުސްވި ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައި ސްޕެއިން އިންނެވެ.