ޔުނިވާސިޓީގެ އިމާރާތްތައް މިހާރު ބޭނުން ކުރަމުންދާގޮތާ ހިލާފަށް އިމާރާތްތަކުގެ ޖާގަ ރަނގަޅަށް ބޭނުންކުރާނަމަ ބާ ޖަމާލުއްދީން ހުސްކޮށް އެތަނުގައި ކިޔަވާ ކުދިން އެހެން އިމާރާތްތަކަށް ބަދަލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، މިހާރު ޔުނިވާ ސިޓީ ހިންގާ އިމާރާތްތަކުގައި ޖާގަތައް ބޭނުންކޮށްފައި ހުންނަނީ އެހާ ރަނގަޅަށް ނޫން ކަމަށާއި އެއަށްވުރެ ރަނގަޅަށް އެކަން ތަރުތީބުކޮށް ބާ ޖަމާލުއްދީންގައި ކިޔަވާ ކުދިންނަށް އެހެން އިމާރާތްތަކުން ޖާގަ ހަމަޖެއްސޭނެ ކަމަށެވެ.

"މިހާރުވެސް ބައެއް ފެކަލްޓީތައް ހިންގާ އިމާރާތްތައް ވަރަށް އަންޑާ ޔޫޓިލައިޒް އިންގޭތޯ. ވަރަށް ބޮޑަށް ޖާގަ ހުންނަނީ ބޭނުންކޮށްފައި. އެއަށްވުރެ ރަނގަޅަށް އެރޭންޖްކޮށްގެން ބޭނުންކުރާނަމަ ފުދޭވަރަކަށް ގިނަ، ހުސްޖާގަ އުފެއްދޭނެ ގޮތަށް އިމާރާތްތައް ހުރީ ބޭނުންކޮށްފައި. އެހެންކަމުން ސްޕޭސް ރަނގަޅަށް އޮޑިޓް ކޮށްގެން ރަނގަޅަށް ބަލައިގެން އެރޭނޖްމަންޓެއް ގެނެވިއްޖެއްޔާ ބާ ޖަމާލުއްދީންގައި ހިންގާ ކޯސްތައް ހިންގާނެ ޖާގަ މިހާރު ހުރި އެހެން އިމާރާތްތަކުން ހަމަޖެއްސޭނެ ކަމަށް އަޅުގަނޑުމެން ގަބޫލް ކުރަން. އެއީ އަޅުގަނޑުމެންގެ ފަންނީ ބޭފުޅުންގެވެސް ލަފާ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ބާޖަމާލުއްދީން ހުސްކުރާއިރު އެތަނުގައި ކިޔަވާ ކުދިން ބަދަލުކުރާނެ އިމާރާތްތަކާއި ބިންތައް ސަރުކާރުން އެކިފަހަރުމަތިން ވާނީ ފޯރުކޮށްދެވިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބާ ޖަމާލުއްދީންނަކީ އިންޖީނިއަރުން އެތައް ފަހަރެއްގެ މަތިން އެސެސްމެންޓް ހަދާފައިވާ ތަނެއް ކަމަށާއި އެދިރާސާ ތަކުން ފެންނަގޮތުން އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށެވެ. މިނިސްޓަރު ވަނީ އެ އިމާރާތް ބޮޑަށް ހަލާކުވެފައިވާ މަންޒަރު ދަށްކުވައިދޭ ފޮޓޯތަކެއްވެސް ނޫސްވެރިންނަށް ދައްކާލާފައެވެ.

އެފޮޓޯތަކުން ފެންނަގޮތުން އިމާރާތުގެ އެކި ހިސާބްތަކުން ދަބަރު ފައިބައެވެ.

"ޖަމާލުއްދީން ސްކޫލްގެ ބާ އިމާރާތަކީ ސްޓްރަކްޗަރަލީ ސޭފް ތަނެއް ނޫން އިނގޭތޯ. އެތަން ބޭނުން ކުރާކަށް ނުވާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އެއިމާރާތް ހުސްކުރުމުގެ މަގުސަދަކީ އެތަނުގައި އާ އިމާރާތެއް އެޅުމަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެހެންމެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައިވެސް ބާ ޖަމާލުއްދީން ހުސްކުރުމަށާއި އޭގެ ބަދަލުގައި އިމާރާތެއް އަޅާނެ ބިމާއި ބަޖެޓު ދޭނެ ކަމަށް އެންގެވުމުން ވެސް ޔުނިވާސިޓީން އެކަން ގަބޫލް ނުކުރެއްވިކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ ހުޅުމާލެ އާއި ގުޅީފަޅުންވެސް ޔުނިވާސިޓީއަށް ބިން ހުށަހަޅާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބާޖަމާލުއްދީން ހުސްކޮށް އެތަނުގައި އިންފޮމޭޝަން ކޮމިޝަނަރަށް އޮފީހެއް ދިނުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެއިމަރާތުގެ ހާލަތު ބެލުމަށްފަހު އިންފޮމޭޝަން އޮފިސަރުގެ އޮފީސްވެސް އެތަނަށް ބަދަލު ނުކުރަން މިހާރު ނިންމާފައިވާނެ ކަމަށެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ކުދިންގެ ތައުލީމަށް ބުރޫ ނާރާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށާއި އެކަމުގެ ތެރެއިން ރަނގަޅު ގޮތެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޑރ. މުހައްމަދު ޝަރީފް ކުރިން ވިދާޅުވެފައިވަނީ، ޔުނިވާސިޓީގެ ޖީ ބްލޮކް ހިންގަމުންދާ ބާ ޖަމާލުއްދީން ގައި 1،300 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށާއި އެއީ ބާ އިމާރާތެއް ނޫން ކަމަށެވެ.

ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާތީ ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާ ޖަމާލުއްދީން ހުސްކުރުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ފަސްކޮށްދެއްވާފައެވެ. މިހާރު ވަނީ މި މަހުގެ 26ވަނަ ދުވަހުގެ ކުރިން އެތަން ހުސްކުރުމަށް ޔުނިވާސިޓީއަށް އަންގާފައެވެ.