15 Feb 2015, 12:32
ގައުމީ ތަރައްގީއަށް ލާބަޔާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތެއް ކޮށްދީފައިވާ އަންހެނުންނަށް ސަރުކާރުންދޭ "ރެހެންދި" އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "ރެހެންދި" އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 15 ކަމަށެވެ. އެ މިނިސްޓްރީން މިއަދު 'ސަން' އަށް ބުނީ، މިމަހުގެ 19 އާ ހަމައަށް ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވާ ކަމަށާއި، މުއްދަތު އިތުރުކުރީ އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވުމާއި، އިތުރު ވަގުތު ބޭނުން ވާކަމަށް ބުނެ ބައެއް ފަރާތްތަކުން އެދެމުންދާތީ ކަމަށެވެ.
ސަރުކާރުންދޭ "ރެހެންދި" އެވޯޑަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި އެވޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ޕާސްޕޯޓް ސައިޒު ފޮޓޯއެއްގެ އިތުރުން އެ މީހެއްގެ ވަނަވަރު އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހެ އެވެ. ހަމަ އެއާއެކު އެޕްލިކޭޝަން ފޯމުގައި ބަޔާންކުރާ މަޢުލޫމާތުތައް ކަށަވަރުކޮށްދޭ ލިޔުންތަކާއި އެވޯޑަށް އެހެން ފަރާތުގެ ނަން ހުށަހަޅާ ނަމަ، އެ ފަރާތުގެ ސިޓީ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން ލިބެން ހުންނާނެ ކަމަށެވެ.
އަންހެނުން ހާސިލްކުރާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމުގެ ސަބަބުން ގައުމީ ޚިދުމަތަށް ނުކުންނަ އެހެން އަންހެނުންނަށް ހިތްވަރު ހޯދައިދިނުމަށް ސަރުކާރުން ތައާރަފް ކުރި "ރެހެންދި" އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ އަހަރަކު އެއްފަހަރު އެވެ. މިދިޔަ އަހަރު މި އެވޯޑު ހާސިލްކޮށްފައި ވަނީ ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖުވޭރިޔާ ވަޖުދީ އާއި ކޭކު ޑިޒައިން ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އައިމިނަތު ނަޝީދާ އެވެ.