ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ސެކިއުރިޓީގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް މޯލްޑިވްްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަރޑު މުސާ އަލީ ޖަލީލަށް އެޑްރެސްކޮށް ރިޔާޒު މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ފޮނުއްވި ސިޓީފުޅުގައި ވަނީ އޭނާގެ އެޕާޓްމަންޓަށް ނުވަތަ އޮފީހަށް "ވަގަށް" މަސްތުވާތަކެތި ވެއްދުމަށްފަހު ޖިނާއީ ކުށެއްގައި ބެއްދުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިޔާޒު ވަނީ އޭނާއާއި އޭނާ ދިރިއުޅުއްވާ ތަނުގައި 24 ގަޑިއިރު ސެކިއުރިޓީން ތިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް އެދި ދަންނަވާފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ "ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އެކަން ހަމަޖެހިގެންދާނެ،" ކަމަށެވެ.

"ސަން" އާ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ޑިފެންސް މިނިސްޓަރަށް އޭނާ ފޮނުއްވި ސިޓީގެ އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށެވެ.

"އަޅުގަނޑަކަށް އެއްވެސް ހަބަރެއް ނުވޭ. އަޅުގަނޑު ލީ ސިޓީގެ ޖަވާބެއް ވެސް އަޅުގަނޑަކަށް އަދި އެއް ނުލިބޭ،" ރިޔާޒު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ޖަލީލަށް ސިޓީފުޅެއް ރިޔާޒު ފޮނުއްވާފައިވާއިރު މާބޮޑު ބަދަލުތަކެއް ނުގެނެސް ހަމަ އެ ސިޓީފުޅު ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް ފޮނުއްވާފައެވެ.

ހޯމް މިނިސްޓަރަށް ފޮނުއްވި ސިޓީފުޅުގައި ރިޔާޒު ދިރިއުޅޭ ތަންތަނަށް މަސްތުވާތަކެތި ވައްދަން އުޅޭ ކަމަށް މައުލޫމާތު ލިބެމުންދާތީ އެކަން ހޯމް މިނިސްޓަރަށް "އެސްއެމްއެސް" އަކުން އަންގަވާފައި ވާނޭކަން ފާހަގަކުރައްވާފައި ވެއެވެ.

އަދި ރިޔާޒަށް ފާރަލަމުންދާ މީހުންގެ ފޮޓޯ ވެސް ސިޓީއާއެކު ފޮނުއްވާފައިވާނެ ކަމަށް ރިޔާޒު ވިދާޅުވެފައި ވެއެވެ.

ރިޔާޒު ވިދާޅުވީ، އޭނާގެ ސައިކަލުގައި ރޯކޮށްލި މައްސަލައާ އަދި އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ އުފުލާފައިވާނަމަ އެމައުލޫމާތު ހާމަކޮށްދިނުމަށް އެދިވަޑައިގަންވާ ކަމަށެވެ.